ޒުވާނުންނަށް އަމާޒުކޮށްގެން ލާމު އަތޮޅާއި ކުޅުދުއްފުށީގައި ސަތުޙައްޓި ކޭމްޕް ބާއްވަނީ
Zuvaanunah amaazukohgen laamu atholhaai kulhudhuhfusheegai sathuhahtti camp baahavanee

އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ ”ސައްތުހައްޓި“ ޕްރޮގްރާމްގެ ދެ އެޑިޝަނަށްފަހު، ”ޕްރޮޖެކްޓް ތިމާވެށި“ މިހާރު ވަނީ ލާމު އަތޮޅާއި ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ފުރުޞަތު ހުޅުވާލާފައެވެ.
މި މަޝްރޫޢަކީ ތިމާވެށީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޒުވާނުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މި ޕްރޮގްރާމްގެ ދަށުން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޔޫތު ކޭމްޕްގައި ދެމެހެއްޓެނިވި ތަރައްޤީ، ތިމާވެށީގެ ރައްޔިތަކަށްވުން، މަދަނީ ތަޢުލީމު އަދި އެކްޓިވިޒަމް ފަދަ މުހިންމު ދާއިރާތަކުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އަމަލީ ގޮތުން ދާއިރާގެ ތަޖުރިބާ ހޯދުމާއި، މުޖުތަމަޢުގައި ހުރި ތިމާވެށީގެ މައްސަލަތަކަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޙައްލު ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
މި މަޝްރޫޢަކީ އޮސްޓްރޭލިއަން ހައި ކޮމިޝަންގެ ޑައިރެކްޓް އެއިޑް ޕްރޮގްރާމް (DAP) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ތިމާވެށީގެ މައްސަލަތަކުގައި އިސްނަގައިގެން މަސައްކަތްކުރާނެ ޖީލެއް ބިނާކުރުމެވެ.
މި ކޭމްޕްގައި ބައިވެރިވާން އެދޭ ޒުވާނުންނަށް މިހާރު ވަނީ ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ދީފައިވާ ލިންކް ނުވަތަ ކިއުއާރު ކޯޑް މެދުވެރިކޮށް ނަން ނޯޓު ކުރެވޭނެއެވެ.




