ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމެއް ދެއްވަނީ
Dhunfathun meehun salaamaiy kuran eheevedhey faraaithakah qaumee inaameh dhehvanee

ދުންފަތުގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް އެހީވެދޭ ފަރާތްތަކަށް ޚާއްސަ ކޮށްގެން އަންނަ އަހަރުން ފެށިގެން ޤައުމީ އިނާމެއް ދޭން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ފުދުންތެރި، މިނިވަން އަދި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ވުމަކީ ކޮންމެހެން ވާންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އިޖުތިމާޢީ މިނިވަންކަން ޔަގީންކުރުމަށްޓަކައި ސިއްޙީ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ދުންފަތާއި ވޭޕާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، “ފުރަތަމަ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އަޅުވެތިކަމުގެ ތެރެއަށް ވަނުމުގެ ކުރިން އެކަމުން މިނިވަން ކުރީ، ޖެނަރޭޝަނަލް ބޭނެއް ގެނެސްގެން. އަޅުގަނޑުމެންގެ މުޖުތަމަޢު ވޭޕުގެ އަޅުވެތިކަމަށް ގޮސް ޣަރަގުވަމުން ދަނިކޮށް އެ ވޭޕުގެ އަޅުވެތިކަމުން ސަލާމަތްކޮށް ވޭޕް ބޭންކުރީ،” ކަމަށެވެ.
ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެންމެ ގިނަ މީހުން އެ ވަބާއިން ސަލާމަތްކޮށްދީ، މިނިވަން ކުރާ ފަރާތްތަކަށް ޚާއްސަ ކޮށްގެން އަންނަ އަހަރުގެ ޖުލައި 26 އިން ފެށިގެން ޤައުމީ އިނާމު ދޭން ނިންމަވާފައިވާ ކަމަށެވެ. މިއީ މި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބޭނެ އިތުރު ހިތްވަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުރީގެ ސަރުކާރުތަކަށް މިކަމުގައި އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނުވި ނަމަވެސް، މި ސަރުކާރުން އުފައްދަވާފައިވާ ސްޓޭޓް ފާމާގެ ސަބަބުން ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.




