މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް އާދިއްތަ ދުވަހު ހުޅުވާލަނީ

Mathee dharaja hoadhaa faraaithakah raees dhehvaa inaamah aadheeitha dhuvahu hulhuvaalanee

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ކުރިއަށް އޮތް އާދިއްތަ ދުވަހު ހުޅުވައިލުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ފުރުޞަތު ހުޅުވައިލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.

މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ. ރައީސް އޮފީހުން ވިދާޅުވީ، އިނާމަށް ނަން ހުށަހެޅުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްދާނީ އެ އޮފީހުގެ ”ފޯމު ހުށަހެޅުން“ ޕޯޓަލް (http://apply.presidency.gov.mv) މެދުވެރިކޮށް ކަމަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ގިންތިއަކުންނެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުން މަތީ ތައުލީމާއި ތަމްރީނު ހާސިލުކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތައް ހިމެނެއެވެ.

ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމުގައި ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ. އެގޮތުން، ލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާނަމަ، އެ ލިޔުމުގެ ދެފުށުގައި އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށާއި، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ ކޮމިޓީން އިލްތިމާސް ކުރައްވައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted