ވިލުންވެށި ޕްރޮގްރާމް ރަށްރަށުގެ ސްކޫލުތަކަށް ފުޅާކުރަނީ
vilunveshi programe rahrashuge schoolthakah fulhaakuranee

”ވިލުންވެށި“ ޕްރޮގްރާމަކީ ހަމައެކަނި މާލޭގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ނޫން ކަމަށާއި، ރާއްޖޭގެ އެކި ރަށްރަށުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ޒަމާނީ ދަނޑުވެރިކަމަށް ދަރިވަރުން އަހުލުވެރިކުރުވުން
މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ދަނޑުވެރިކަމުގައި މިހާރު ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީތަކަށް ދަރިވަރުން އަހުލުވެރިކުރުވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ގްރީން ހައުސްތަކާއި، ހައިޑްރޯފޯނިކްސްގެ ހޮރިޒަންޓަލް އަދި ވަޓިކަލް ފާމިންގް ސިސްޓަމްތައް ފަދަ ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ވަނީ ރޭވިފައެވެ.
ވަޒީރު ޢަލީ ޝަރީފު ވިދާޅުވީ، ”ހުސްއެކަނި ކިޔެވުމުގެ އިތުރުން، އެ އެކްސްޕިރިއަންސްކޮށްފައި އަދި ރާއްޖޭގައި މިކަމަކީ ހަމަ ފުޅާދާއިރާއެއްގައި މިހާރުވެސް ކުރަމުންދާ އަދި ކުރެވިދާނެ ކަމެއް ކަމަށް ކުދިންނަށް މީތި އިންސްޕާއަކޮށް، ދެން އޮތް ޖެނެރޭޝަނަށްވެސް މީތީގައި މި ބެނިފިޓްތަކެއް އެބަހުރި ކަމާއި، ރާއްޖޭގައި މިކަން ކުރެވިދާނެ ކަމަށް މި ކުދިންނަށް، އެ ވިސްނައިދީގެން ދެން އޮތް ޖެނެރޭޝަން ތައްޔާރުކުރަން މަސައްކަތް ކުރަނީ.“
ހިރިޔާ ސްކޫލުން ފެށި ނަމޫނާ މަސައްކަތް
މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ”ސްކޫލް ގާޑަން“ އިފްތިތާޙު ކޮށްފައިވަނީ ހިރިޔާ ސްކޫލުގައެވެ. ”ގާޑަން އޮފް ގްރޯތު“ ގެ ނަމުން ނަންދީފައިވާ މި ބަގީޗާ ފަރުމާކޮށްފައިވަނީ ޒަމާނީ ވަޞީލަތްތަކާއެކުގައެވެ. މީގެ ތެރޭގައި ފަތްޕިލާވެލި ހެއްދުމަށް ޚާއްސަ ހައިޑްރޯޕޯނިކްސް ސިސްޓަމްތަކާއި، މޭވާ ހައްދާނެ ސަރަހައްދެއްގެ އިތުރުން ވާރޭފެން ރައްކާކޮށްގެން ގަސްތަކަށް ފެންދެވޭނެ ނިޒާމެއް ހިމެނެއެވެ.
މަޝްރޫޢުގެ ކުރިމަގު
ވިލުންވެށި ޕްރޮގްރާމަކީ ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ”އެންހާންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ“ (ECRFS) މަޝްރޫޢުގެ ދަށުން، ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ތަޢުލީމީ ވުޒާރާއާ ގުޅިގެން ހިންގާ މަސައްކަތެކެވެ. ހިރިޔާ ސްކޫލުން މި މަސައްކަތް ފެށި ނަމަވެސް، ކުރިއަށް އޮތްތަނުގައި މާލޭގެ އިތުރު ސްކޫލުތަކާއި އަތޮޅުތަކުގެ ރަށްރަށަށް މި ޕްރޮގްރާމް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.




