74 އައިސްޕްލާންޓުން އައިސް ލިބޭނެ، އޭގެ ތެރެއިން 27 އައިސްޕްލާންޓް އޮޕަރޭޓްކުރަނީ މިފްކޯއިން: ވަޒީރު ޝިޔާމް

74 Iceplantun ice libeyne, eyge therein 27 iceplant operate kuranee MIFCO in: Vazeeru shiyam

މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިންނަށް އައިސް ނުލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް، މިހާރުވެސް ރާއްޖޭގެ 74 އައިސްޕްލާންޓަކުން މަސްވެރިންނަށް އައިސް ފޯރުކޮށްދެމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޛާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކުރައްވާފައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުގައި މަސްވެރިންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އައިސް ނުލިބުމުގެ މައްސަލަކަމަށާއި، މިފްކޯއިން ބަލަހައްޓަމުންދިޔަ އައިސްޕްލާންޓުތައް ފެނަކައިގެ ދަށަށް ބަދަލުކުރުން ވެގެންދިޔައީ މަސްވެރިންނަށް ކުރިމަތިވި ”މުސީބާތެއް“ ގެ ގޮތުގައި ކަމަށެވެ. އެގޮތުން އެ ސަރުކާރު ނިމުނުއިރު ރާއްޖޭގައި ހުރި އައިސްޕްލާންޓްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައިވެސް އޮޕަރޭޝަނުގައި ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ މައިގަނޑު ތިން މައްސަލައެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ އައިހުގެ ދަތިކަމާއި، ކޯލްޑް ސްޓޯރޭޖުތަކުގެ ތާށިކަމުގެ އިތުރުން މަސް ޕްރޮސެސްކުރެވޭނެ ކެޕޭސިޓީ ނެތުމެވެ. ”މި މައިގަނޑު ތިން މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އެ އޮތީ، އަދި އަޅުގަނޑުމެން މި ދަނީ އެ މެނިފެންސްޓޯ ތަންފީޒުކުރަމުން،“ ވަޒީރު ވިދާޅުވިއެވެ. މިހާރު ހުރި 74 އައިސްޕްލާންޓުގެ ތެރެއިން 27 ޕްލާންޓެއް އޮޕަރޭޓްކުރަނީ މިފްކޯއިންނެވެ.

ބ. ކުޑަރިކިލުގައި ގާއިމުކުރާ އައިސްޕްލާންޓާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެ ތަނުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށާއި، ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ. މީގެ އިތުރުން ލ. މާބައިދޫ، މ. ވޭވަށް، ޅ. ނައިފަރު ހިމެނޭހެން ޖުމްލަ 9 ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (RSW) ގާއިމްކޮށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ. ނަމަވެސް ފަރުމަސްވެރިކަން އާލާވަމުންދާތީ އައިސްޕްލާންޓްތައް އެޅުން އެއްކޮށް ހުއްޓާނުލާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ސައުދީ ފަންޑާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އިތުރު އައިސްޕްލާންޓްތައް ގާއިމުކުރުމުން، މަސްވެރިކަން ރަނގަޅު މޫސުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments