މެސީ އިނގެރޭސިން ލަދުގަންދުވާލައިފި

Messi igereysin Ladhugandhuvaalaifi

ކެޕްޓަން ލިއޮނެލް މެސީގެ މޮޅު ކުޅުމާ އެކު ފަހަތުން އަރައި 2-1 އިން އިންގްލެންޑް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ވޯލްޑް ކަޕް 2026 ގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އާޖެންޓީނާ މި މެޗުން މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖެހި ލަނޑުތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައި ނުވި ނަމަވެސް، އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އިންގްލެންޑުންނެވެ. މެޗުގެ 55 ވަނަ މިނިޓުގައި މޯގަން ރޮޖާސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮނީ ގޯޑޮން އެވެ.

އިންގްލެންޑުން ލީޑު ނެގުމާ އެކު އާޖެންޓީނާ އިން ކުޅުން ވަރުގަދަކޮށް އިންގްލެންޑްގެ ގޯލަށް ބާރުބޮޑުކުރި އެވެ. ނަތީޖާ އެއްވަރުވީ މެޗުގެ 85 ވަނަ މިނިޓުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން އެންޒޯ ފެނާންޑޭޒް ޖެހި ލަނޑުންނެވެ.

އޭގެ ކުޑަވަގުތުކޮޅެއް ފަހުން، މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި މެސީ ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެން އާޖެންޓީނާ މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލަޓައުރޯ މާޓިނޭޒް އެވެ.

މި މޮޅާ އެކު އާޖެންޓީނާ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި އެ ޓީމު ނުކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ. މިއީ ދެކުނު އެމެރިކާގެ ޗެމްޕިއަނުންނާއި ޔޫރަޕްގެ ޗެމްޕިއަނުން ވޯލްޑް ކަޕް ތަށީގެ ޝަރަފުގައި ބައްދަލުކުރާ ފޯރިގަދަ ކުރިމަތިލުމަކަށް ވާނެ އެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރާނީ ސެމީ ފައިނަލުން ބަލިވި އިންގްލެންޑާއި ފްރާންސެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments