ހިތަދޫ ކައުންސިލްގެ ޚިދުމަތްތަކަށް މިހާރު އޮންލައިންކޮށް ހުށައެޅޭނެ
Hithadhoo councilge khidhumaithakah mihaaru online koh hushaelheyne

ލ. ހިތަދޫ ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަލުވިކޮށް، ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ”ކައުންސިލް ސަރވިސް ޕޯޓަލް“ ގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތާއެކު، ހިތަދޫ ކައުންސިލުން ފޯރުކޮށްދޭ އެކި ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އޮންލައިންކޮށް ހުޅުވާލެވިފައެވެ. މި ޕޯޓަލް ބޭނުންކުރާ ފަރާތްތަކަށް އީފާސް (eFaas) މެދުވެރިކޮށް ލޮގިންވެ، ކައުންސިލްގެ ޚިދުމަތްތަކަށް ފަސޭހަކަމާއެކު އެދިލެއްވޭނެއެވެ.
މިކަމާ ގުޅޭގޮތުން ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝައްމޫން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ”މިހާރު އީފާސް އެކައުންޓް ބޭނުންކޮށްގެން ކައުންސިލްގެ ޚިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށަހެޅޭނެ“ ކަމަށެވެ. އަދި މި ބަދަލާއެކު ކަރުދާސް ފޯމުތައް ފުރުމުގެ ބަދަލުގައި، ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ މަގު ފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އައު ޕޯޓަލްގެ ސަބަބުން ކައުންސިލަށް ހުށަހަޅާ އެޕްލިކޭޝަންތައް އަވަސްވެ، އިދާރީ މަސައްކަތްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ޒަމާނީ ކުރުމަށް އެ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.




