އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިދާރީ އަތޮޅު އޮފީހެއް

Atoll council thah uvaalumah fahu, komme atoll ehggai LGA ge atoll office eh

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމައި، އޭގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިދާރީ އޮފީސްތަކެއް ގާއިމްކުރުމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައެވެ. މި ބަދަލާ ގުޅިގެން، އަތޮޅު ކައުންސިލްތަކުގެ މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތާއި އެ ތަންތަނަށް ކިޔާނެ ރަސްމީ ނަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެލްޖީއޭއަށް ތަފްސީލީ ސިޓީއެއް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވަނީ، މި އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެލްޖީއޭގެ ދަށުން ހިދުމަތްދޭ ތަންތަނަށް ވާތީ، “ލޯކަލް ގަވަމަންޓް އޮތޯރިޓީ – (އަތޮޅުގެ ނަން) އޮފީސް” މި ނަން ބޭނުންކުރުމަށެވެ. މިގޮތުން ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އާއިޝަތު އިކުރާމް ސޮއިކުރައްވައި ފޮނުއްވި މި އެންގުމުގައިވާ ގޮތުން، މި އޮފީސްތައް މެދުވެރިކޮށް ލާމަރުކަޒީ ނިޒާމުގެ ދަށުން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސުމުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި އެ މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް، ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބަދަލުތައް އަންނަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިދިޔަ އަހަރު ގެނައި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހުގައިވާ ގޮތުގެ މަތިން، މިހާތަނަށް ތިއްބެވި އަތޮޅު ކައުންސިލަރުންގެ ދައުރު މިއަދަށް ހަމަވުމާ އެކު، ކުރިން އޮތް ގޮތަށް އަތޮޅު ކައުންސިލްތައް ވަނީ އުވިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments