ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަސްދުވަހުގެ މުއްދަތެއް ޕީސީބީން ދީފި

Kunfunithakuge muvahzafunge adhadhu madhukuran 3 mass dhuvahuge muhdhatheh PCB in dheefi

ރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ. ޕީސީބީގެ ރައީސް މުޙައްމަދު އަނަސް ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައިވާ ގޮތުން، މި މުއްދަތު ގުނަން ފަށާނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.

މި ނިންމުމަކީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ޕީސީބީއަށް ދީފައިވާ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށާއި ހިންގުން ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅެކެވެ. މީގެ އިތުރުން، ވަޒީފާއަށް މީހުން އައްޔަންކުރުމުގައި ތަޢުލީމާއި ހުނަރަށް ބަލައިގެން އައްޔަންކުރާ އުސޫލު މިހާރަށްވުރެ ހަރުދަނާ ކުރުމަށްވެސް މާލީ ވުޒާރާއިން ވަނީ މީގެކުރިން އަންގާފައެވެ.

މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ ފަށާފައެވެ. އެގޮތުން އެޗްޑީސީއާއި ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕީސީބީން ވިދާޅުވި ގޮތުގައި މި ބަދަލުގެ މައިގަނޑު ބޭނުމަކީ ކުންފުނިތަކުގެ ސައިޒާއި އެ ކުންފުންޏަކުން ކުރާ މަސައްކަތާ އެކަށީގެންވާ މިންވަރެއްގައި މުވައްޒަފުންގެ އަދަދު ބެހެއްޓުމެވެ.

ކުންފުނިތަކުން މި އިރުޝާދުތަކަށް އަމަލުކުރާ މިންވަރު ޕީސީބީން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާނެއެވެ. މިގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވަން ވަނީ އަންގާފައެވެ. ޕީސީބީން ފާހަގަކުރި ގޮތުގައި، ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި މިވަގުތު މިފަދަ ފިޔަވަޅުތައް އެޅުން ކޮންމެހެން މުހިންމެވެ.

މުވައްޒަފުން މަދުކުރުމުގެ އިތުރުން، ޚަރަދު ކުޑަކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ އަންގާފައެވެ. އޭގެ ތެރޭގައި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައު މުވައްޒަފުން ނެގުމާއި މަޤާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމުގެ އިތުރުން، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތަކާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ. ޕީސީބީން ދަނީ މި ކަންކަން ތަންފީޒުވަމުންދާ ގޮތުގެ މަޢުލޫމާތު ޤަވާއިދުން މާލީ ވުޒާރާއާ ހިއްސާ ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments