މިއަހަރު އިތުރަށް މުދަލު ޒަކާތް ލިބޭނެކަމަށް ލަފާކޮށްފި
Mi aharu ithurah mudhalu zakat libeynekamah lafaakohffi

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބޭނެ ފައިސާގެ ޢަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އަންދާޒާކޮށްފިއެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނައިން ޒަކާތުގެ ފައިސާ ލިބުނު އަހަރު ކަމަށްވާއިރު، އެ އަހަރު ޖުމްލަ 107 މިލިޔަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚު އިމްތިތާޢު ޢައްބާސް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި ލިބެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި އުސޫލުން ފައިސާ ލިބެމުންދާނަމަ، މިއަހަރު ނިމޭއިރު މިދިޔަ އަހަރަށްވުރެ ގިނަ ފައިސާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 80 މިލިޔަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 61.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ. ވަކިން ހާއްސަކޮށް، މިދިޔަ ޖޫން މަހު އެކަނިވެސް 21.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 100 އިންސައްތައިގެ ކުރިއެރުމެކެވެ.
ޒަކާތުގެ ފައިސާ އިތުރުވަމުންދާ ސަބަބާ ގުޅޭގޮތުން އިމްތިތާޢު ވިދާޅުވީ، “ޒަކާތު ޤާނޫނާއެކު ޒަކާތު ހައުސްގެ އެކި ކަންކަން ހަރުދަނާވުމުގެ ސަބަބުން މިކަމަށް އިތުބާރު އުފެދި ހޭލުންތެރިކަން އިތުރުވަމުން ދަނީ. ކުރިން އެހާ ހޭލުންތެރިކަން ނެތުމުން ޒަކާތް ދައްކާ މީހުންނާއި ލިބޭ ވަރު މަދުވަނީ. މިހާރު ހޭލުންތެރިކަން އިތުރުވޭ.”
މުދަލު ޒަކާތަކީ ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. މިހާރު ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 21,836.50 ރުފިޔާއެވެ. ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މިހާރު ވަނީ ޒަކާތުގެ ފުރަތަމަ ޤާނޫނު އެކުލަވާލައި، އަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގެ މަޤްޞަދަކީ ޒަކާތުގެ ކަންކަން ހަރުދަނާ އޮނިގަނޑެއްގެ ދަށުން ހިންގައި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމެވެ.




