އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

Ehgamu dhathurufathurge bill raeesuljumhoorihyyaa thasdheegkurahvaifi

އެއްގަމު ދަތުރުފަތުރުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ތަޞްދީޤުކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ބިލަކީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ޤާނޫނުގެ މަޤްޞަދަކީ ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ރާވައި، ހިންގައި، ބެލެހެއްޓުމަށް ޒަމާނީ އަދި ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމާއި، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި ދަތުރުވެރިން އަދި މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

އާ ޤާނޫނުގެ ދަށުން ގެނެވޭ މުހިންމު ބަދަލުތައް

މި ޤާނޫނުގައި އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދު ރަޖިސްޓްރީ ކުރުމާއި، ދުއްވުމާއި، މަޑުކުރުމާއި ޕާކުކުރުން ފަދަ ކަންކަމާ ގުޅޭ އުޞޫލުތަކާއި މިންގަނޑުތައް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ރެގިއުލޭޓް ކުރުމުގެ އޮނިގަނޑަކާއި، ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާއި ޖޫރިމަނާތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގެ ތޮއްޖެހުމަށް ޙައްލެއް ހޯދުމަށްޓަކައި، މި ޤާނޫނުގެ ދަށުން އެ ސަރަޙައްދު ވަނީ “ރަޖިސްޓްރޭޝަން އެންޑް ޓްރެފިކް މެނޭޖްމަންޓް ކޮންޓްރޯލްޑް ޒޯން” އެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމަށްޓަކައި، ތިން އަހަރު ދުވަހުގެ މުއްދަތަށް “ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް” ގެ ނަމުގައި އޮފީހެއް އުފެއްދުމަށް ވެސް ޤާނޫނު ލާޒިމުކުރެއެވެ.

މީގެއިތުރުން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ލަފާދޭނެ “ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް” އެއް އުފެއްދުމަށާއި، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކޮށް ޒަމާނީ ކުރުމަށް ޚާއްޞަ ފަންޑެއް ޤާއިމުކުރުމަށް ވެސް މި ޤާނޫނުގައި ވަނީ ހިމަނާފައެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ތަޞްދީޤުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުރީގެ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު 5/2009) އަދި ދިވެހިރާއްޖޭގެ ހިނގާ މީހުންގެ ޤާނޫނު (ޤާނޫނު ނަންބަރު 70/78) އުވިގެންދާނެއެވެ

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments