ސިނގިރެޓްގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރާ ބިލް މަޖިލީހުން ފާސްކޮށްފި
Cigarette duty 4 rufiyya ah kudakuraa bill majileehun faaskohffi

ސިނގިރެޓަކުން ނަގާ އިމްޕޯޓް ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް، އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލް ދިރާސާކޮށް، މުޅި މަޖިލީހުގެ ކޮމިޓީން ބިލް ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ކޮމިޓީ މަރުހަލާގައި ބައެއް މެންބަރުން ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބަހުސްގައި ވިދާޅުވި ނަމަވެސް، ރަސްމީކޮށް އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާތީ ބިލް ފާސްވީ ސަރުކާރުން ހުށަހެޅި ގޮތަށެވެ.
މި ބިލާ ގުޅޭގޮތުން މަޖިލީހުގައި ކުރެވުނު ބަހުސްތައް ވަރަށް ބޮޑަށް ހޫނުވެ، ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވުނެވެ. ޕީއެންސީގެ މެންބަރުން ވިދާޅުވީ، މީގެ ކުރިން ސިނގިރެޓްގެ ޑިއުޓީ ބޮޑުކުރީ ވޭޕް މަނާކުރުމާ ގުޅިގެން ގިނަ ބަޔަކު ސިނގިރެޓަށް ބަދަލުވެދާނެތީ ކަމަށާއި، ނަމަވެސް ދިރާސާތަކުން އެކަން އެގޮތަށް ނުވާކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.
އަނެއްކޮޅުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ސިނގިރެޓްގެ ޑިއުޓީ ބޮޑުކުރުމާއި ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ދައްކަވާ ވާހަކަތައް ދިމާނުވާ ކަމަށް ބުނެ ފާޑުކިޔާފައެވެ. މިކަމަށް ރައްދު ދެއްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ޕީއެންސީގެ މެންބަރުން އަބަދުވެސް ވާހަކަދައްކަވަނީ ޑިއުޓީއަށް ބަދަލު ގެންނަން ޖެހުނު ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ސިނގިރެޓްގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) ގެ ލަފާގެ މަތިންނެވެ. ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ބަދަލު ގެނައީ 2024 ނޮވެމްބަރުގައެވެ. އެފަހަރު ސިނގިރެޓަކުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ކަންކަން ކަމަށާއި، ޑިއުޓީ ރޭޓަށް ބަދަލު ގެންނާނީ އެއިރެއްގައި ކުރެވޭ ދިރާސާތަކުގެ ނަތީޖާއަށް ބަލައިގެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.




