އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން ފަށައިފި

Ikthiraam adhaakurumugr qaumee mashrroah hiyaalu hoadhumige bahdhaluvun fashaifi

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ “އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” ފެށުމަށް ބޭނުންވާ ޚިޔާލު ހޯދުމުގެ މަސައްކަތު ބައްދަލުވުން މިއަދު ފަށައިފިއެވެ. ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހުން އިންތިޒާމުކުރި މި ބައްދަލުވުން ފައްޓަވައިދެއްވީ ވަޒީރު ހީނާ ވަލީދުއެވެ.

މި މަޝްރޫޢަކީ ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަތައް ދިރުވައި އާލާކުރުމަށާއި، ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ރައީސް މުޢިއްޒު ފާހަގަކުރައްވާފައިވާ ގޮތުގައި، މި ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އައިޑެންޓިޓީ އޮތީ ގެއްލުމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް މިހާރު ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީގެން ތާރީޚާއި ސަގާފަތް އާލާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ބައްދަލުވުން ފައްޓަވައިދެއްވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ދިވެހިންނަކީ ޒަމާނުއްސުރެ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ، މެހެމާންދާރީއާއި އަދަބު އަޚްލާޤަށް ލޯބިކުރާ ބައެއްކަން ތާރީޚީ ލިޔުންތަކުން އެނގެން އޮތް ނަމަވެސް، މިއަދު މުޖުތަމަޢުން އެ ސިފަތައް ފަނޑުވަމުންދާ ކަމަށެވެ. “އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރާ، ގަދަރު ކުރާ އަދި މިފަދަ ރިވެތި ސިފަތަކުން ޖަރީވެ ޒީނަތްތެރި ވެފައިވާ މުޖުތަމަޢެއްގެ ގޮތުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް،” ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުން ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މި ބައްދަލުވުމުގައި ރާއްޖޭގެ ކްލަބް ޖަމުޢިއްޔާތަކާއި ސިޔާސީ ޕާޓީތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު އުއްމީދު ކުރައްވަނީ މި ބައްދަލުވުމުގެ ތެރެއިން މަޝްރޫޢު ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު ޚިޔާލުތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މި ދާއިރާތަކުން ޚިދުމަތް ކުރައްވާފައިވާ އިސްރަށްވެހިންގެ ތަޖުރިބާއާއި އެހީތެރިކަން މި މަޝްރޫޢަށް ނުހަނު ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހި މުޖުތަމަޢުގައި އަލުން އަނބުރާ ސުލޫކީ ރަނގަޅު އާދަތައް އަށަގަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments