މިއަދު ރާއްޖޭގެ ދެ ސަރަހައްދަކަށް އާންމު މިނަށްވުރެ ހޫނުގަދަ: މެޓް އޮފީސް

Miadhu rajjeyge dhe sarahahdhakah aanmu minahvure hoonugadha: MET office

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އާންމު މިންގަނޑަށްވުރެ ހޫނު ގަދަވެފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ. މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ ހޫނު ގަދަވި ވަގުތު އާންމު މިނަށްވުރެ ހޫނުގަދަ ކަމަށް ރެކޯޑު ކުރެވިފައިވަނީ ވެރިރަށް މާލެއާއި ހދ. ހަނިމާދޫއަށެވެ.

މޫސުމާ ބެހޭ އިދާރާއިން އާންމުކުރި ފިނިހޫނުމިނުގެ ތަފްސީލަށް ބަލާއިރު، މާލެ ސަރަހައްދަށް މިއަދު ހެނދުނު 11:00 ހާއިރު އިހުސާސް ކުރެވޭ ހޫނުމިން 37 ޑިގްރީ ސެލްޝިއަސްއަށް މައްޗަށް ގޮސްފައިވެއެވެ. މި ހޫނުމިން މެންދުރުފަހު 14:00 އާ ހަމައަށްވެސް އެއްވަރެއްގައި ހުރި ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. ހދ. ހަނިމާދޫއަށް ބަލާއިރު، 11:00 ގައި އިހުސާސް ކުރެވޭ ހޫނުމިން 34.5 ޑިގްރީގައި ހުރި ނަމަވެސް، 14:00 އާ ހަމައަށް އެ އަދަދު ވަނީ 37.1 ޑިގްރީއަށް އުފުލިފައެވެ.

ހޫނުމިން ބަލާ މިންގަނޑުތައް

މެޓް އޮފީހުން އިހުސާސް ކުރެވޭ ފިނިހޫނުމިން ބަލާ މިންގަނޑުތަކަށް ބަލާއިރު، 37 ޑިގްރީއަށްވުރެ ދަށުގައި ހުންނަ ހާލަތަކީ އާންމު ހާލަތެވެ. ނަމަވެސް 37 ޑިގްރީއާއި 37.9 ޑިގްރީއާ ދެމެދު ހުރުމަކީ “އާންމު މިނަށްވުރެ ހޫނުގަދަވުން” ކަމަށް ބަލާއިރު، 38 ޑިގްރީއާއި 38.9 ޑިގްރީއަކީ ހޫނު ގަދަވުމެވެ. އަދި 39 ޑިގްރީއަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވެއްޖެނަމަ އެއީ “ވަރަށް ހޫނު ގަދަވުން” ކަމަށް އެ އިދާރާއިން ކަނޑައަޅާފައިވެއެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހޫނުގަދަވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ. ވަކިން ހާއްސަކޮށް ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ދެމެދު ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން ބޭރުގައި އުޅޭއިރު ސަމާލުވުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ.

މީގެ އިތުރުން، ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅޭއިރު ގިނަގިނައިން ފެން ބުއިމަށާއި، ތުނި ހެދުން ބޭނުން ކުރުމުގެ އިތުރުން، ކޮންމެހެން ބޭރަށް ދާން ނުޖެހޭ ހާލަތްތަކުގައި ހިޔާ ސަރަހައްދުތަކުގައި މަޑުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހޫނުގެ ސަބަބުން އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ކުރިމަތިވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށްވެސް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments