އަންނަ މަހުން ފެށިގެން ކައުންސިލުތަކުގެ އެސްޖީންގެ މުސާރަތައް ކުޑަކުރަނީ
Anna mahun feshigen councilthakuge SG inge musaarathah kudakuranee

ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ ކުޑަކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ އޮގަސްޓު މަހުން ފެށިގެން ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ސަޢީދު، ޕާމަނަންޓް ސެކްރެޓަރީންނަށާއި ކައުންސިލުތަކުގެ ޒިންމާދާރުވެރިންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ނޭޝަނަލް ޕޭ ކޮމިޝަނުން ގެނައި ބަދަލުތަކާ އެއްގޮތަށް އަންނަ މަހުން ފެށިގެން މުސާރަ ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މި ބަދަލަކީ ޕޭ ކޮމިޝަނުން ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އެގްޒެކެޓިވް އެލަވަންސަށް ގެނައި ބަދަލެކެވެ.
މި ބަދަލާއެކު ސިޓީ ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރައިން ބޮޑު އަދަދެއް އުނިވާނެއެވެ. އެގޮތުން ކުރިން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި ލިބެމުންދިޔަ 28,095 ރުފިޔާގެ ބަދަލުގައި، އައު އުސޫލުގެ ދަށުން ދެން ލިބޭނީ 23,065 ރުފިޔާއެވެ. މިއީ މަހަކު 5,030 ރުފިޔާގެ ދަށްވުމެކެވެ.
މިކަމާ ގުޅިގެން ކައުންސިލެއްގެ އިސް ބޭފުޅަކު ވިދާޅުވީ، މި ބަދަލުގެ ސަބަބުން ސެކްރެޓަރީ ޖެނެރަލުންގެ ދަށުން މަސައްކަތްކުރާ ޑިރެކްޓަރުންނަށް ލިބޭ މުސާރަ، ސެކްރެޓަރީ ޖެނެރަލުންނަށްވުރެ ބޮޑުވާނެ ކަމަށެވެ. އޭނާ އިތުރަށް ސިފަކުރެއްވި ގޮތުގައި، ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމުގައި ބޮޑު ދައުރެއް އަދާކުރާ އެސްޖީންގެ މުސާރަ ކުޑަކުރުމަކީ “ފަހަތަށް އެޅި ފިޔަވަޅެއް” ކަމަށެވެ.
މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު މިފަދަ ޝަކުވާތައް އަންނަނީ އިތުރުވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ބައެއް ދާއިރާތަކުގެ މުސާރަ ބޮޑުކުރެއްވި ނަމަވެސް، ޝަރުއީ ދާއިރާއާއި ގާނޫނީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލެއް ނާންނާތީ އެ ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.




