ރުއްތަކުން ހުދު ކޫޑި ކޮންޓްރޯލް ކުރަން ތައްޔާރުކުރި ބޭސް ބޭނުންކުރަން ފަށައިފި
Ruhthakun hudhu koodi controll kuran thahyaarukuri beys beynunkuran fashaifi

ރާއްޖޭގެ ރުއްތަކަށް ކުރިމަތިވެފައިވާ ހުދު ކޫޑީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ތައްޔާރުކުރި ޚާއްޞަ ބޭސް ރުއްތަކަށް ޖެހުމުގެ މަސައްކަތް ސަރުކާރުން ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ރުއްތަކަށް ހުދުކޫޑީގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން ސަލާމަތްކުރުމަށް ފެށި މުހިންމު މަޝްރޫއެކެވެ.
ޗައިނާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބޭހަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ‘މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް’ ގެ ދަށުން ގެނެސްފައިވާ ޔޭޖިއާޗިންގ ޕެސްޓިސައިޑު އެވެ. މި ބޭސް ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކޮށްފައިވާއިރު، އެ ތަޖުރިބާތަކުން ވަނީ ވަރަށް އީޖާބީ ނަތީޖާއެއް ލިބިފައެވެ.
ކައުންސިލްތަކާ ބޭސް ހަވާލުކުރުން
މި ޕްރޮގުރާމްގެ ދަށުން ޕެސްޓިސައިޑު ފުރަތަމަ ޙަވާލުކޮށްފައިވަނީ ހއ. ބާރަށު ކައުންސިލާއެވެ. އެރަށުގައި މިހާރު ވަނީ ރުއްތަކަށް ބޭސްލުމުގެ މަސައްކަތް އަމަލީގޮތުން ފަށާފައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރަށުގައި ހުރި ރުއްތަކުގެ އަދަދަށް ބަލައި ހުރިހާ ކައުންސިލްތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ބޭސް ހަވާލުކުރުމުގެ ސިޓީތައް ފޮނުވާފައިވާއިރު، އެ އަތޮޅުތަކުން ބޭސް ހަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުންނެވެ. އެހެން އަތޮޅުތަކުން ބޭސް ހަވާލުވާނީ މާލެއިންނެވެ. މިހާތަނަށް ލ. ކަލައިދޫ، ގދ. ފިޔޯރީ އަދި އައްޑޫސިޓީ މީދޫއިން މިކަމަށް އެދިފައިވާތީ އެ ރަށްރަށަށްވެސް ބޭސް ފޮނުވުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.
ދިގު މުއްދަތުގެ ހައްލަކަށް ދިރާސާކުރުން
ރުއްތަކާއި ގަސްތަކަށް ޖެހޭ ބަލިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) އާއެކު ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން ތަޖުރިބާކާރުންގެ ވަފުދެއް ރާއްޖޭގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގައި މިހާރު ވަނީ ޤައުމީ ފެންވަރުގެ ލެބޯޓަރީއެއްވެސް ޤާއިމްކޮށްފައެވެ. މި ލެބޯޓަރީގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއިން ކުރެވޭ ދިރާސާތައް އިތުރުވެ، ބަލިތައް ދެނެގަތުމަށް ހުރި ހުރަސްތައް ނެތިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ބަޔޯސެކިއުރިޓީ ވަރުގަދަވެ، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.




