ޑިޖިޓަލް ފޯ އޯލް ކެމްޕެއިން އިފްތިތާޙުކޮށްފި
Digital for all campaign ifthithaahukohffi

ނޭޝަނަލް ޑިޖިޓަލް އޭއައި ލިޓަރޭސީ އިތުރުކުރުމަށްޓަކައި ޚާއްޞަ ކެމްޕެއިނެއް “ޑިޖިޓަލް ފޯ އޯލް” ގެ ނަމުގައި ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މި ކެމްޕެއިން އިފްތިތާޙު ކޮށްދެއްވީ ތަޢުލީމާއި މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.
މި ކެމްޕެއިން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ މުހިންމު ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނާއި، ސިއްޙަތާއި އާއިލާއާއި އިޖުމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ހިމެނިވަޑައިގަންނަވައެވެ.
ދާޚިލީ ވުޒާރާއާއި ތަޢުލީމީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި ކެމްޕެއިން އޮޕަރޭޝަނަލައިޒް ކުރާނީ ފިއުޗަރ އިންސްޓިޓިއުޓުންނެވެ. އަދި މި މަސައްކަތުގެ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެނީ މައިންޑްކޯއިންނެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ކެމްޕެއިންގެ މަޤްޞަދަކީ ރާއްޖެ ޑިޖިޓަލައިޒް ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމެވެ.
މި ކެމްޕެއިންގެ ތެރެއިން ޑިޖިޓަލް ވަސީލަތްތައް ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރާއި އިތުބާރު ރައްޔިތުންގެ މެދުގައި އުފައްދާނެއެވެ. ކެމްޕެއިންގެ އަމާޒަކީ ކޮންމެ އަހަރަކު 75,000 މީހުންނަށް ތަމްރީނު ދިނުމެވެ. އެގޮތުން ތިން އަހަރުގެ ތެރޭގައި ޖުމްލަ 225,000 މީހުންނަށް މި ޕްރޮގްރާމް އަމާޒުކުރެވޭނެއެވެ. މިއީ ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ކެމްޕެއިނެކެވެ.
މިހާރު މި ކެމްޕެއިނަށް ޚާއްޞަ ޤައުމީ ފެންވަރުގެ ފްރޭމްވޯކެއް އެކުލަވާލާފައިވާއިރު، ބައިވެރިވާ ފަރާތްތަކުން އެސެސްމަންޓެއް ހަދަން ޖެހޭނެ ކަމަށް މައިންޑްކޯއިން މަޢުލޫމާތުދެއެވެ. ކެމްޕެއިންގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ކުރިއަށްދާނީ ޓްރެއިނިން އޮފް ޓްރެއިނަރސް (ToT) ޕްރޮގްރާމްތަކެވެ.
މި ކެމްޕެއިންގެ ޕައިލެޓް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 6 އަތޮޅެއްގައެވެ. މިގޮތުން ރަށްތައް ކަނޑައެޅުމުގައި އިސްކަންދޭނީ އާބާދީގެ ގޮތުން ބޮޑެތި ރަށްތަކަށް ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.




