ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް އަރައިފި

Sovereign fundah jamaakuri faisaage adhadhu 1.2 billion ah araifi

ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފަށް 1.2 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 1.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.

ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާ އިތުރުވެފައިވާއިރު، ދައުލަތުގެ ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގައި ބޮޑުތަނުން އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް ލޯނުތައް އަނބުރާ ދެއްކުމަށް 9.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 3.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 190 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުން މި އަހަރު ދެއްކި 500 މިލިޔަން ޑޮލަރުގެ ލޯނު ދެއްކުމުގައިވެސް ބޭނުންކޮށްފައިވަނީ އެސްޑީއެފް ފަންޑުގައި ހުރި ފައިސާއެވެ. ސޮވެރިން ފަންޑަކީ ކުއްލި ހާލަތްތަކުގައާއި، ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދީ ލޮޅުންތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް 2016 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.

މި ފަންޑަށް ފައިސާ ޖަމާކުރަނީ މައިގަނޑު ތިން ދިމާލަކުން ލިބޭ އާމްދަނީންނެވެ. އެއީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާއާއި، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑްގެ އިތުރުން އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން ލިބޭ އިތުރު އާމްދަނީއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments