ހިތަދޫގެ ހަތަރު ސަރަހައްދެއްގައި ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް “ހޭޅިފަށް” މަޝްރޫއު ކުރިއަށް ގެންގޮސްފި
Hithadhooge 4 sarahahdhehgai hihfaseyha maahauleh gaaimu kurumah “aheylhifah” mashroou kuriah gengosfi

ލާމު ހިތަދޫގެ ހިތްފަސޭހަ ސަރަހައްދުތަކުގައި އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލައި، މަޑުކޮށްލައިގެން ތިބެވޭނެ ފަދަ އިންތިޒާމުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ހާއްސަ މަޝްރޫއެއް ކުރިއަށް ގެންގޮސްފިއެވެ.
“ހޭޅިފަށް” ނަމުގައި ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (HYDRA) އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި މަޝްރޫއުގެ ދަށުން ހިތަދޫގެ ހަތަރު ސަރަހައްދެއްގައި ވަނީ އާންމުންނަށް ބޭނުންކުރެވޭނެ ގޮތަށް ގޮނޑި އާއި މޭޒު ބަހައްޓާފައެވެ. މިއީ ރަށުގެ ގުދުރަތީ ރީތިކަން ލިބިފައިވާ ސަރަހައްދުތަކަކީ އިޖުތިމާއީ ގުޅުން ބަދަހިކުރުމަށާއި، ހިތްހަމަޖައްސާލުމަށް ބޭނުންކުރެވޭނެ ތަންތަނަށް ހެދުމަށް އެ ޖަމިއްޔާއިން ކުރި މަސައްކަތެކެވެ.
ހައިޑްރާ ޖަމިއްޔާއިން ބުނި ގޮތުގައި މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލުމަށްޓަކައި ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ، އެކި ގޮތްގޮތުން އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަންގެ ފަރާތުން ވަނީ ލޯތްބާއި އިހުތިރާމާއެކު ޝުކުރު އަދާކޮށްފައެވެ.




