ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ، ސަމާލުވުމަށް އިލްތިމާސްކޮށްފި

Kandumatheege haadhisaathah ithruvaumdhaathee, samaaluvumah ilthimaaskohffi

ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް، ކަނޑުތައް ގަދަ ދުވަސްވަރަކަށް ވާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވަނީ އަންގާފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ދަތުރުކުރާ އުޅަނދުގައި ލައިފް ޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅު ހާލަތުގައިތޯ ޗެކް ކުރުމަށް ވެސް ކޯސްޓްގާޑުން އެދިފައިވެއެވެ. މީގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުން، އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި މުދާ ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް 2026 ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 11:30 އިން ހަވީރު 15:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި މުއްދަތުގައި އާންމުކޮށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. ފުލުހުން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އުޅަނދުގައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތައް ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަޤީންކުރުމަށް އެދިފައެވެ.

މޫސުމާ ބެހޭ އެންމެ ފަހުގެ މައުލުމާތު ހޯދުމަށާއި، މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް މި ދުވަސްވަރު ނުކުރުމަށާއި، އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ހުރިހާ ފަރާތްތަކުން ވެސް ކަމާބެހޭ އިދާރާތަކުން ނެރޭ މޫސުމީ ސަމާލުތަކަށް ބޯލަނބައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މި ދަނޑިވަޅުގައި ނުހަނު ބޭނުންތެރި ކަމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments