ކުނަހަންދޫގެ ފެނުގެ މަސައްކަތް ކުރިއަށް ނުދާތީ ޕަބްލިކް ވޯކްސްއާއި ހަވާލުކޮށްގެން ކުރިއަށް ގެންދަން ވިސްނަނީ
Kunahandhooge fenuge masakkai kuriah nudhaathee Public Works aai havaalukoggen kuriah gendhan visnanee

ލ. ކުނަހަންދޫގައި ކުރިއަށްދާ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ޕަބްލިކް ވާރކްސް މެދުވެރިކޮށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ސަރުކާރުން ހޯދަމުންދާ ކަމަށް އިމާރާތްކުރުމާ ބެހޭ ވަޒީރު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ކުނަހަންދޫއަކީ ފެނުގެ މައްސަލަ އެންމެ ބޮޑު އެއް ރަށް ކަމަށެވެ.
މި މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކޮންޓްރެކްޓަރަކާއެވެ. އެ ކުންފުނިން މިހާރު ކުރިއަށް ގެންދަނީ މަޝްރޫޢަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މަސައްކަތް ލަސްވާ ސަބަބުތައް
ވަޒީރު ވިދާޅުވީ އެމް.ޑަބްލިޔު.އެސް.ސީ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށެވެ. “އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކުރިޔަސް، އެ ކުންފުނިން ރާއްޖޭގެ އެތައް ރަށެއްގެ މަސައްކަތްތައް ކުރަމުންދާތީ ދަތިތަކެއް އެބަހުރި،” ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކުން ފައިނޭންސް ހޯދައިގެން މަސައްކަތް ކުރާއިރު ވެސް ލަސްތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ޕަބްލިކް ވާރކްސްގެ ޔުނިޓްގެ ކެޕޭސިޓީ ބޭނުންކޮށްގެން ކުނަހަންދޫ ފަދަ ޚާއްޞަ ރަށްރަށުގެ މަސައްކަތް އަވަހަށް ނިންމޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަޖިލީހުގައި މި ސުވާލު އަމާޒުކުރެއްވި މެންބަރު ވަނީ 2018 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރު 141 ރަށެއްގައި އަސާސީ ޚިދުމަތްތައް ނުފެށި އޮތްކަން ފާހަގަކުރައްވައި، ކުނަހަންދޫގެ މަސައްކަތް ނިންމާލެވޭނެ ތާރީޚަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. ނަމަވެސް މި މަސައްކަތް ފެށެނެ ތާރީހެއް އަދި ނިމޭނެ ތާރީހެއް މިނިސްޓަރު ވިދާޅެއްނުވެއެވެ.




