ހަފުތާ ބަންދުގައިވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފި

Hafthaa bandhugaivess moosun goasvaane kamah MET office in bunefi

ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ހާމަކުރެއްވި ގޮތުގައި، މި ހަފުތާގެ ހުކުރު އަދި ހޮނިހިރު ދެ ދުވަހުވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ބެލެވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވެއެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 48.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments