ލާމުގެ ދެވަނަ އެއަރޕޯޓާއި ފަތުރުވެރިކަންވެސް އިސްދުއަށް: ފޮނަގާދޫގައި ހަލާލް ޓޫރިޒަމް ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި
Laamuge dhevana airportaai fathuruverikanvess isdhooah: Fonagadhoogai halaal tourism tharahqeekuran beelamah hulhvaalaifi

ތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްތަކުގެ ތެރެއިން، ލ. ފޮނަގާދޫ ޙަލާލް ޓުވަރިޒަމް މޮޑެލްއަށް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ބީލަމަށް ހުޅުވާލައިފިއެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، އިސްލާމީ އުސޫލުތަކަށް ފެތޭ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ބީލަން ހުށަހެޅުމާއި މަޢުލޫމާތު ސާފުކުރުން
މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތައް 09 ސެޕްޓެންބަރު 2026 އަދި 14 އޮކްޓޫބަރު 2026 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުތަކުގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ފޮނުވަން ޖެހެއެވެ.
މި އިޢުލާނާ ގުޅޭ ބީލަން ފޮތް 09 އޮގަސްޓު 2026 އިން ފެށިގެން 17 ނޮވެންބަރު 2026 އާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު ގަންނަން ލިބޭނެއެވެ. ބީލަން ފޮތް ގަތުމަށް އެދޭ ފޯމު މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި ބީލަމާ ގުޅޭ އިތުރު ސުވާލެއްވާނަމަ 15 ނޮވެންބަރު 2026 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސާފުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ލާމު އަތޮޅުގެ ތަރައްޤީއަށް ލިބޭނެ ބޮޑު ކުރިއެރުމެއް
ލ. ފޮނަގާދޫގައި ރިސޯޓް ތަރައްޤީ ކުރުމަކީ ލާމު އަތޮޅުގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ލާމު އަތޮޅުގެ ދެވަނަ އެއަރޕޯޓު އަޅާ ރަށެއްގެ ގޮތުގައި ލ. އިސްދޫ ކަނޑައަޅުއްވާފައެވެ. ފޮނަގާދޫގައި ތަރައްޤީކުރާ ރިސޯޓާއެކު، އައު އެއަރޕޯޓުގެ ސަބަބުން އިސްދޫ އަދި މުޅި އަތޮޅުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު މޮޑެލްތަކަށް ފަތުރުވެރިކަން ތަރައްޤީކޮށް، އިޤްތިޞާދީ މަންފާ ރަށްރަށުގެ ރައްޔިތުންނަށް ސީދާ ގޮތެއްގައި ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި މަޝްރޫޢަކީ އަތޮޅުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް، ވަޒީފާގެ ފުރުސަތުތައް ތަނަވަސްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.




