ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައިފި

Raeesuljumhoorihyaage dhekanbalun, thelesimia center ah ziyaaraiy kurahvaifi

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ހުޅުމާލޭ އޮރެންޖު ހިޔާގައި ހުންނަ ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް މިއަދު މެންދުރުގެ ވަގުތެއްގައި ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ސެންޓަރުގެ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ވަރަށް ގާތުން ބައްލަވާލައްވާފައެވެ. އަދި އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ސެންޓަރަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ ވަޒީރު ޤީލާ ޢަލީއާއި، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. މި ޒިޔާރަތުގައި ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގައި ތެލެސީމިއާ ބަލިމީހުންނަށް ފޯރުކޮށްދޭ ފަރުވާއާއި، މާލީ އެހީތެރިކަމުގެ އިތުރުން އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ. އެގޮތުން ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ބޭނުންވާ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ޒިންމާއެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކޮށް، އެތަން ރަސްމީކޮށް ހުޅުވާފައިވަނީ 25 މޭ 2025 ގައެވެ. މި ބަދަލާއެކު ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments