ޤުދުސްގެ ފާތިޙު ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ!
Qudus ge Fatih Sultan salahudheenul Ayyubi

ޤުދުސްގެ މަތިވެރި ފާތިޙު، ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީގެ އަމިއްލަފުޅު މުދަލުގައި، އޭނާ އަވަހާރަވުމުން ޖަނާޒާގެ ކަންތައްތަކަށް ފުދޭވަރަށްވެސް ފައިސާއެއް ނެތެވެ. ކީއްވެގެން ހެއްޔެވެ؟
ބައެއް ފަހަރު ފަހަރު، އިންސާނާގެ ވިސްނުމާއި، ފިކުރު ބަދަލުކޮށްލާނޭ ފަދަ ކިތަންމެ މަންޒަރުތަކެއް ތާރީޚުގެ ތެރެއިން އަހުރެމެންނަށް ފެނިގެންދެއެވެ. އެއްކޮޅުން އެއީ ޞަލީބީންގެ އަތްދަށުން ޤުދުސް މިނިވަންކުރެއްވި މަތިވެރި ފާތިޙެވެ. އެ ރަސްގެފާނުގެ ނަންފުޅު އަޑުއިވުނަސް ބޮޑެތި ރަސްރަސްކަލުން ތިއްބަވަނީ ބިރުފުޅުން ހަދާނެ ގޮތް ހުސްވެފައެވެ. އެ ރަސްގެފާނުގެ ރަސްކަމުގެ ސަރަޙައްދު، މިޞްރާއި، ޝާމްކަރައާއި، ޙިޖާޒާއި، އަދި ޔަމަންކަރައާ ހިސާބަށް ވަނީ ފެތުރި ފުޅާވެފައެވެ. އަނެއްކޮޅުން އެ މަތިވެރި ފާތިޙު ދުނިޔެ ދޫކުރެއްވިއިރު، މީސްތަކުންގެ ހިތުގައި ބިންވަޅު ނެގިފައި އޮތީ އޭނާގެ ރަސްކަމާއި އަދި އޭނާ އުޅުއްވި ގަނޑުވަރުގެ މަތިންނެއް ނޫނެވެ. އަދި ކިއެއްތަ، އޭނާގެ މަތިވެރި އަޚުލާޤާއި، ތެދުވެރިކަމާއި، އަދި އަމާނާތްތެރިކަމުގެ މަތިންނެވެ. ޞަލާޙުއްދީނުލް އައްޔޫބީއަކީ ހަމައެކަނި ފާތިޙެއް ނޫނެވެ. އޭނާ ވެވަޑައިގެންފައި ވަނީ އަޚުލާޤާއި، ސުލޫކާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އަދި އިންސާފުގެ މަތިވެރި ރަމުޒެއް ކަމުގައެވެ.
ބިޔަ ބޮޑު ސަރަޙައްދެއްގައި ރަސްކަން ކުރެއްވި ރަސްގެފާނު ޞަލާޙުދީނުލް އައްޔޫބީ، 04 މާރިޗް 1193 ވަނަ ދުވަހު ދިމިޝްޤުގައި އަވަހާރަވީއިރު، ގުނާ ޢަދަދު ނުކުރެވޭ ވަރުގެ މުއްސަނދިކަމެއް ދޫކުރައްވާފައި ވާނެކަމަށް ގިނަ ބަޔަކަށް ހީވިއެވެ. އެކަމަކު، އޭނާގެ އަމިއްލަފުޅު މުދަލާއި، ފައިސާގެ ހިސާބުތައް ބަލައި، ޗެކްކުރުމުން ޙަޤީޤަތް ހާމަވެ، އެންމެން އާޝޯޚުކޮށްލިއެވެ. އިތުބާރު ހުރި ތާރީޚީ މަސްދަރުތަކުގައިވާ ގޮތުން އޭނާގެ އަތްޕުޅުގައި އޮތީ އެންމެ ރަން ދީނާރަކާއި، 40 ރިހި ދިރުހަމެވެ. އަދި، އެ ފައިސާކޮޅަކީ، އޭނާގެ ޖަނާޒާގެ ޚަރަދުތައް ވެސް ހަމަޖައްސައިލެވޭ ވަރަށް ވުރެ މަދު ފައިސާ ކޮޅެކެވެ. އެހެންކަމުން އޭނާގެ ޖަނާޒާގެ ކަންތައްތަކަށް އިތުރަށް ބޭނުންވާ ފައިސާ، އޭނާގެ ޢާއިލާއިން ދަރަންޏަށް ނެންގެވީ އޭނާގެ އެކުވެރިންނާއި، ގާތްތިމާގެ މީހުންގެ އަތުންނެވެ. އެއީ، ހަމައެކަނި ވެރިއެއްގެ ސާދާކަމުގެ ހެއްކެއް ނޫނެވެ. އެއީ ވެރިއެއްގެ އަމާނާތްތެރިކަމުގެ ހެއްކެވެ. އޭގެ ސަބަބުން އެތައް ޤަރުނެއް ވީއިރުވެސް މީސްތަކުންގެ ހިތްތަކުގައި ޞަލާޙުދީނުލް އައްޔޫބީއަށް އޮތް ލޯތްބާއި، ޤަދަރާއި، އިޙުތިރާމަކަށް ބަދަލެއް އައިސްފައި ނުވެއެވެ. އޭނާ ދުނިޔޭގައި ހުންނެވި އިރު، އޭނާގެ މުދަލާއި، ފައިސާ ވަނީ ނިކަމެތިންނާއި، ފަޤީރުންނާއި އަދި މިސްކީނުންނަށް ޞަދަޤާތް ކުރައްވާފައެވެ.
ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ ބޭނުންފުޅުވިނަމަ، އޭނާގެ ފުތޫޙާތަށްފަހު، ރަނާއި، ރިއްސާއި، ގިނަ ޢަދަދެއްގެ މުދަލާއި، ފައިސާ އެއްކުރެއްވުނީހެވެ. އެހެންނަމަވެސް ރައްޔިތުންގެ ބައިތުލްމާލަކީ، އޭނާގެ އަމިއްލަފުޅު ޚަޒާނާއެއްގެ ގޮތުގައި ދުވަހަކުވެސް އޭނާ ދެކެވަޑައެއް ނުގަންނަވައެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި، އޭނާއަށް މިންވަރު ކުރެއްވި ރަސްކަމަކީ، މާތް الله އޭނާއާ ޙަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި، އެއީ ރައްޔިތުންނަށް އަދާކޮށްދޭންޖެހޭ ޒިންމާއެކެވެ. ވެރިމީހާއަކީ ހަމައެކަނި، އެ އަމާނާތުގެ ބެލެހެއްޓުންތެރިޔާއެވެ. މިއަދުވެސް ދުނިޔެ އޭނާގެ މަތިން ހަނދާންކުރަނީ ހަމައެކަނި މަތިވެރި ޖެނެރަލެއްގެ ގޮތުގައެއް ނޫނެވެ. އަދި ކިއެއްތަ ވެރިކަމަކީ މުއްސަނދިކަން ހޯދުމަށް އޮތް ވަސީލަތެއްގެ ގޮތުގައި ދެކެވަޑައިނުގެން ވެރިކަން ކުރެއްވި ތަޤުވާވެރި، ތެދުވެރި، އަދި އަމާނާތްތެރި ވެރިއެއްގެ ގޮތުގައެވެ.
ތާރީޚު، އަހުރެމެންނަށް ދަސްކޮށްދޭ ފިލާވަޅަކީ ޙަޤީޤީ މަތިވެރިކަން ވަނީ ގަނޑުވަރުތަކާއި، ޚަޒާނާތަކާއި، ތާޖުތަކުގައި ނޫންކަމެވެ. މަތިވެރިކަން ވަނީ މީހާގެ އަޚުލާޤާއި، ސުލޫކުގައެވެ. އެ އަޚުލާޤާއި، ސުލޫކަކީ ވެރިކަން ލިބުމަށްފަހުވެސް އެއްވެސް ބަދަލެއް ނާންނަ، އަޚުލާޤާއި، ސުލޫކެވެ. ޞަލާޙުއްދީނުލް އައްޔޫބީގެ ރަސްކަން ނިމުނުތާ އެތައް ޤަރުނެއްވީ އިރުވެސް، އަދިވެސް އެތައް މިލިއަން ބައެއްގެ ހިތުގައި އޭނާ ރަސްކަން ކުރައްވަނީ އެހެންވެގެން ކަމަށް ވެދާނެއެވެ.
މިއަދުގެ ވެރިންނަށްވެސް ތާރީޚުގެ މި އަގުހުރި ފިލާވަޅު ފުދެއެވެ. ޤައުމެއް ތަރައްޤީވެ ކުރިއަރައި ދަނީ ހަމައެކަނި ބާރަކުން ނޫނެވެ. އެއާއި ޚިލާފަށް ޤައުމެއް ތަރައްޤީވެ ކުރިއަރައި ދަނީ ޢަދުލު އިންސާފާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އަދި ރައްޔިތުންގެ އިޢުތިމާދުގެ ސަބަބުންނެވެ. މި ޙަޤީޤަތް ވިސްނޭ ވެރިންގެ، ނަމެއް ޒަމާނާއެކު ދުވަހަކުވެސް ފޮހެވިގެން ނުދާނެވެ.
މިއަދުގެ ވެރިންވެސް، ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީގެ އަޚުލާޤާއި، ސުލޫކާއި، އަމާނާތްތެރިކަމާއި، ޒިންމާދާރުކަމުގެ 10 އިންސައްތަވެސް އެމީހުންގެ ޙަޔާތުގައި ބޭނުން ހިފާނެ ނަމައެވެ. އޭރުން ފަހަރެއްގައި ޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލު ލިބި، “ކުރީ ސަރުކާރޭ” ކިޔުން ހުއްޓި، ޤައުމު ތަރައްޤީވެ ކުރިއަރައިގެން ހިނގައިދާނެއެވެ.




