ފޮނަދޫ ކައުންސިލުން އެމްއޭސީއެލްގެ އެމްޑީއާ ބައްދަލުކޮށް މަޝްވަރާކޮށްފި
Fonadhoo councilun MACLge MD aa bahdalhukoh mashavraakohffi

ލ. ފޮނަދޫ ކައުންސިލުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި އެ ކުންފުނީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ފޮނަދޫ ކައުންސިލުން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އެމްއޭސީއެލްއާ ހަވާލުކުރެވިފައިވާ ފޮނަދޫގެ މަޝްރޫޢުތައް ހިންގުން އަވަސްކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ކައްދޫ އެއަރޕޯޓް މަޝްރޫޢުގެ އިތުރުން، އެއަރޕޯޓްގެ ރަންވޭ އާއި ބަނދަރު މިވަގުތަށް ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ބަލައި، އެ މަސައްކަތްތައް ކުރުމާ ގުޅޭގޮތުންވެސް ދެފަރާތުގެ ދެމެދުގައި މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް “ލާމު އެމްވީ” ފޮނަދޫ ކައުންސިލް ރައީސް އަޙްމަދު ރިޔާޒް އަށް ގުޅައި ސުވާލު ކުރުމުން، އޭނާ ސުވާލުތަކަށް ޖަވާބު ދެއްވައިފައެއް ނުވެއެވެ. އެގޮތުން ފޮނަދޫ ބިން ހިއްކުމުގެ މަސައްކަތް ލަސްވަމުންދާ ސަބަބާއި، ކައްދޫ އެއަރޕޯޓްގެ މަސައްކަތް ފަށާނެ ތާރީޚަކާއި ނިމޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކާ ގުޅޭގޮތުން ކުރި ސުވާލުތަކަށް އޭނާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.




