ވެމްކޯގެ ޚިދުމަތް ރަށްރަށުގައި ފުޅާކުރަން ތައްޔާރުވަނީ

WAMCO ge khidhumaithah rahrashugai fulhaakuran thahyaaruvanee

ވެމްކޯގެ ޚިދުމަތް ރަށްރަށަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތައް އެކުންފުންޏާ ހަވާލުކޮށްފިއެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް މީގެ ކުރިން ހޯދުމަށްޓަކައި، ސަރުކާރުން އަންނަނީ ވަށާޖެހޭ ނިޒާމެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އަތޮޅުތަކުގައި ޤާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުތަކާއެކު، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތު ދެއްވައެވެ.

ވެމްކޯއާ ހަވާލުކޮށްފައިވާ އުޅަނދުތަކާ ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ނިޒާމު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި އާބަން ސެންޓަރުތަކުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތް ފެށުމަށާއި އެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބައެއް ކަމަށެވެ. މި އުޅަނދުތައް ރާއްޖެއަށް ގެނައުމަށް ހަވާލުކޮށްފައިވަނީ ލިޓަސް އޮޓޯ މޮބައިލްއާއެވެ.

ނައިބު ވަޒީރު ނިޒާމު އިތުރަށް ވިދާޅުވީ، އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި އާބަން ސެންޓަރުތަކުގައި މިހާރު ކުނީގެ ޚިދުމަތް ދެމުންދަނީ ކައުންސިލްތަކުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ރަށްރަށުގައި ވެމްކޯއިން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި ހަވާލުކުރެވުނު އާލާތްތަކަކީ އެ މަސައްކަތް ފެށުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ހަވާލުކުރި 10 ރަށުޕިކަޕާއި 350 ކިލޯގެ ބަރުދަން އުފުލޭ 12 ޕިކަޕުގެ އިތުރުން، މިމަހުގެތެރޭގައި ވެސް އިތުރު އުޅަނދުތައް ގެނެސް ވެމްކޯއާ ހަވާލުކުރާނެއެވެ.

އަތޮޅުތަކުގައި ވެމްކޯގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ނިޒާމު ވިދާޅުވިއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރޭގައި އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާ ހަވާލުކޮށްފައިވާ 110 ރަށެއްގެ އިތުރުން، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ 19 ރަށެއް ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments