ޖޫން މަހަށްވުރެ ބޭންކުތަކަށް ވިއްކި ޑޮލަރު ޖުލައި މަހު އިތުރުވެއްޖެ

June mahahvure bankthakah vikki dollar july mahu ithuruvehjje

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖޫން މަހާއެކު އަޅައިބަލާއިރު ޖުލައި މަހު ބޭންކުތަކަށް ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

އެމްއެމްއޭއިން ވަނީ ޖުލައި މަހު އެ އޮތޯރިޓީއަށް ލިބުނު ޑޮލަރަށްވުރެ ވިއްކި ޑޮލަރުގެ އަދަދު އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ.

ބޭރުފައިސާގެ ޤާނޫނުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހެއެވެ. އަދި ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން %90 ޑޮލަރު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކައެވެ. މީގެ ތެރެއިން ބައެއް ޑޮލަރު އާންމުންގެ ބޭނުންތަކަށް ދޫކުރުމަށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާއިރު، ބާކީ ބައި ބޭނުންކުރަނީ ރިޒާވް ހަރުދަނާކުރުމަށެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ޖުލައި މަސް ވެގެންގޮސްފައިވަނީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހަކަށެވެ. އެގޮތުން، ޖުލައި މަހު ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އުމްރާގެ ދަތުރުތަކަށް ޑޮލަރު ވިއްކި މިންވަރު ޖޫން މަހާ އަޅާބަލާއިރު %172 އިން ވަނީ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަން ކަމަށްވުމުން އެމްއެމްއޭއަށް ލިބުނު ބޭރުފައިސާ ދަށްވުމާއި، ސްކޫލް ބަންދާ ދިމާކޮށް ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވުމެވެ.

ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން ފަސޭހަކޮށްދީ، ބޭރު ފައިސާގެ ބާޒާރަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ 11 އޮގަސްޓުގައި ނިންމާފައެވެ. މިގޮތުން މި ހަފްތާއިން ފެށިގެން ތިން ހަފްތާގެ މުއްދަތަށް، އާންމުކޮށް ކޮންމެ ހަފްތާއަކު ވިއްކާ މިންވަރަށްވުރެ %51 އިތުރަށް ޑޮލަރު ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ހަދަންޖެހޭ ޓީޓީ އަދި އެލްސީ އަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.

އެމްއެމްއޭއިން އާންމުކުރާ ރިޒަރވް ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވް ވަނީ 686.8 މިލިޔަން ޑޮލަރުން 638.0 މިލިޔަން ޑޮލަރަށް ދަށްވެފައެވެ. މިއީ 7 އިންސައްތައިގެ ދަށްވުމެކެވެ.

މީގެއިތުރުން، ބޭރުފައިސާގެ ޤާނޫނުގެ ތެރެއިން ވިޔަފާރިތަކަށް އިތުރު ލުއިތަކެއް ހޯދައިދިނުމަށް ޤާނޫނު އިސްލާހުކުރުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން އޮތް އިޚްތިޔާރު އުވާލުން ހިމެނެއެވެ. މިހާރު އޮންނަ ގޮތުން ބޮލަކަށް ޖެހޭ ނިސްބަތުން މާރުނުކުރާނަމަ މާރުކުރަންޖެހެނީ ލިބޭ އާމްދަނީގެ %20 އެވެ. މިގޮތަށް އޮތުމުން އެކި ފަންތީގެ ރިސޯޓުތަކަށް ބައެއް ގޮންޖެހުންތައް ހުރިކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments