ދައުލަތުން ހިންގާ މަޝްރޫޢުތައް އަވަސްކުރުމަށް ގެނައި އިސްލާހާއެކު ލާމަރުކަޒީ ބިލު ތަސްދީޤުކުރައްވައިފި
Dhaulathun hingaa mashroouthakah avaskrumah genai islaahaaeku laamarukazee bill thasdheeq kurahvaidi

ދައުލަތުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި މިގޮތަށް ބޭނުންވާ ބިމާއި ތަންތަން، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިންވެސް ސަރުކާރަށް ނެގޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނަމަ، އެކަމަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދޭންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢަކަށް ހުރަސްއެޅޭފަދަ ގޮތަކަށް އަމަލުކުރުމާއި، މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާފަދަ އެއްވެސް ނިންމުމެއް ނިންމުމަކީ ކައުންސިލުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
މި ބިލު މަޖިލީހުން ދިރާސާކުރުމުގެ މަރުހަލާގައި ލާމަރުކަޒީ ކޮމިޓީން ވަނީ މުހިންމު އިސްލާހެއް ގެނެސްފައެވެ. އެގޮތުން، ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގާއިރު، އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭނެ ކަމަށާއި، އެ ބަދަލު ދޭންވާނީ ކަމާ ގުޅުންހުރި ވުޒާރާއަކުން ކަމަށް ބިލުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.




