އިސްލާމްދީނާ ފުށުއަރާ ޤާނޫނެއް އުފަންނުކުރެވޭނެކަން ކަށަވަރު ކުރަނީ
Islaamdheenaa fushuaraa qaanooneh ufannukureveynekan kashavaru kuranee

އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް ޤާއިމްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޤައުމީ ދުވަހުގެ ބަޠަލް، އުތީމު މަހާރަދުން ކުރެއްވި ޖިހާދާއި އެ ދުވަހުގެ ހާދިސާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހިންނާއި އިސްލާމްދީނާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. އަދި ޤައުމީ ދުވަހުން ލިބިދޭ އެންމެ ބޮޑު ޢިބްރަތަކީ އިސްލާމްދީނަށް ވަފާތެރިވުމުގެ މުހިންމުކަން ކަމަށާއި، ދިވެހި ޤައުމުގެ ނާރެހަކީ އިސްލާމްދީން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތާރީޚަށް ބަލާއިރު، ޕޯޗުގީޒުންގެ އަތްދަށަށް ރާއްޖެ ދިޔައީ ދިވެހިންގެ ތެރެއިން މީހަކު ދީން ދޫކޮށްލުމުގެ ސަބަބުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދީން ދޫކޮށްލާ ހިސާބުން އެ ޚިޔާނާތްތެރިވެވެނީ ހަމައެކަނި ދީނަށް ނޫން ކަމަށެވެ. “އެ ޚިޔާނާތްތެރިވެވުނީ، ދިވެހި ޤައުމަށް. ދިވެހިރާއްޖެއާއި ދިވެހި ދައުލަތަށް. ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޤާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަން އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން އިތުރަށް ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން، އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ ބިލު މަޖިލީހުގެ މި ދައުރަށް ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިންސާނީ ބިނާކުރުމުގެ އެންމެ ހަރުދަނާ ބިންގަލަކީ އަޚްލާޤު ކަމަށެވެ. އަދި ޤާނޫނާއި ޤަަވާއިދުތަކަށް ބޯލެނބުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރޫޙު އާލާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ޤައުމީ ދުވަހުގެ ޢަޒުމަކަށް ވާންވާނީ ދިވެހި އުންމަތުގައި އެއްބައެއްވަންތަކަމުގެ އިޙްސާސް ދިރުވައި، އިސްލާމީ އުސޫލުތަކުގެ މަތީގައި ޤައުމު ކުރިއަށް ގެންދިއުން ކަމަށެވެ.




