މިއަހަރުގެ 2ވަނަ މެރިކަލްޗަރ ތަމްރީން ޕްރޮގްރާމް ނިންމާލައިފި
Mi aharuge 2vana mariculture thamreen programe nimaalaifi

މެރިކަލްޗަރ ސިނާޢަތަށް މީހުން ތަމްރީންކުރުމަށް ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް ނިންމާލައިފިއެވެ.
ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި އޮގަސްޓް 8 އިން 19 އަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމަކީ މިއަހަރު ހިންގި މިފަދަ 2ވަނަ ޕްރޮގްރާމެވެ. މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 8 މީހުން ވަނީ ބައިވެރިވެފައެވެ.
މި ތަމްރީން ޕްރޮގްރާމް ނިންމުމަށް ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެކެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ގާއިމްކުރުމަކީ ސަރުކާރުން މުހިންމު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން މި ދާއިރާއިން މީހުން ބިނާކުރުމަށް މީގެކުރިން ކޮންމެ އަހަރަކު 2 ޕްރޮގްރާމް ހިންގިނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު މިއަހަރުން ފެށިގެން އަހަރަކު 4 ޕްރޮގްރާމް ހިންގުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މިގޮތުން ކުރިއަށްގެންދެވުނު 6 ވަނަ ޕްރޮގްރާމް ކަމަށާއި، މިހާތަނަށް މީގެ ދަށުން 76 މީހުން ތަމްރީން ކުރެވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގާ މި ކޯހުގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމުގެ މައުލޫމާތު ވަނީ ދީފައެވެ. މީގެއިތުރުން، އާލާކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި އަދި ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ތަމްރީން ޕްރޮގްރާމްގެ ތިންވަނަ ކޯސް އާންމުންނަށް ހުޅުވާލައިގެން މިއަހަރުގެ އޮކްޓޯބަރު މަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.




