ފޮނަދޫ ހިމެނޭހެން 4 ރަށެއްގައި އަލަށް އާބާދުވި ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފި
Fonadhoo himeneyhen 4 rashehgai alah aabaadhuvi sarahahdhuthakah karantu khidhumaiy foarukohdheefi

ރާއްޖޭގެ އެކި ރަށްތަކުގައި އަލަށް އާބާދުވާ ސަރަހައްދުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހަތަރު ރަށެއްގެ އައު ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފިއެވެ. މި މަޝްރޫއުގެ ދަށުން ކަރަންޓު ފޯރުކޮށްދީފައިވާ ރަށްތަކަކީ ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ތ. ބުރުނި އަދި ތ. ތިމަރަފުށި އެވެ.
މަޝްރޫއުގެ މުހިންމު ތަފްސީލުތައް
މި ރަށްތަކުގެ ތެރެއިން ލ. ފޮނަދޫގެ އައު ސަރަހައްދަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ. މި މަސައްކަތާއެކު އެ ސަރަހައްދުގެ 80 ގޭބިސީއަކަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ތ. ބުރުނީގެ އާ ސަރަހައްދުގައި ހިމެނޭ 48 ގޭބިސީއަކަށް ވެސް ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
ހދ. ނޮޅިވަރަންފަރާއި ތ. ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ބޭނުންވާ ނެޓްވޯކް އެކްސްޓެންޝަންގެ މަސައްކަތްތައް ނިމިދިޔަ އަހަރުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. އެގޮތުން ނޮޅިވަރަންފަރުގައި 825 މީޓަރުގެ ލޯ-ވޯލްޓޭޖް ކޭބަލް ވަޅުލައި، 12 ޑިސްޓްރިބިއުޝަން ފޮށި ވަނީ ހަރުކޮށްފައެވެ.
އިތުރު ރަށްތަކުގެ މަސައްކަތްތައް
ފެނަކައިން މައުލޫމާތު ދެއްވި ގޮތުގައި، ރ. މާކުރަތާއި އެ އަތޮޅު ވާދޫގެ އާ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑު ބައެއްވެސް މިހާރު ވަނީ ނިމިފައެވެ. އަދި މި ރަށްތަކުގެ ބާކީ ހުރި މަސައްކަތްތައް އަވަހަށް ނިންމައި، ދާއިމީކޮށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރިއަށެވެ.
ފެނަކަ ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، “އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި އަލަށް އާބާދުވާ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، އަސާސީ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން” ކަމަށެވެ.




