ގޯއްޗާއި ފްލެޓުގެ ދާއިމީ ލިސްޓު ޑިސެމްބަރު މަހު އާންމުކުރަނީ
Goachaai flatge dhaaimee list december mahu aanumuranee

މި ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ޗެކްކުރުމަށްފަހު، ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު އިއުލާނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ. އަދި ގޯއްޗާއި ފްލެޓަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ސައްހަ ނޫން ފޯމުތައް އަލުން ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ސައްހަތޯ ބެލުމުގެ މަސައްކަތް ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު އާންމުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާތައް ކުރިއަށްދާއިރު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި ޑޭޓާބޭސްތައް ބޭނުންކުރެވެމުންދާނެއެވެ. މީގެއިތުރުން ފޯމުތައް ރަނގަޅު ކުރުމަށް ދެވޭ ހަތް ދުވަހުގެ މުއްދަތަށްފަހު އިތުރު މުއްދަތެއް ނުދެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިތުރު މުއްދަތެއް ނުދެވެނީ ޑިސެމްބަރު މަހާ ހަމައަށް ދާއިމީ ލިސްޓު އިއުލާނުކުރަން ޖެހޭތީ ވަގުތު ކުޑަތަންވެފައިވާތީ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް، ކައުންސިލަކުން މައުލޫމާތު ސައްހަ ކުރަން ވަގުތު ބޭނުންވާ ހާލަތްތަކުގައި އެކަން ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެހެންނަމަވެސް އެއްވެސް މައުލޫމާތެއް ނުދީ ހަތް ދުވަސް ފާއިތުވެއްޖެނަމަ އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވިދާޅުވިއެވެ.
“ރައީސުލްޖުމްހޫރިއްޔާ މިހާރު ވެސް ނިންމަވާފައި މިއޮތީ މިއަހަރު ޑިސެމްބަރު މަހުގަ ދާއިމީ ލިސްޓު އިއުލާނު ކުރަން. މާނައަކީ ފްލެޓް ނުވަތަ ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އަޅުގަނޑުމެން އާންމު ކުރާ ގޮތަށް މިއޮތީ ޑިސެމްބަރު މަހަށް ތާވަލުކޮށްފަ،” ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.




