މާބައިދޫ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފަށައިފި
Maabaidhoo football dhanduge amalee masahkai fashaifi

ލ. މާބައިދޫގައި ތަރައްގީކުރާ ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓް 23 ގައެވެ.
މި މަޝްރޫއާ ގުޅޭގޮތުން މާބައިދޫ ކައުންސިލްގެ ރައީސް ހަސަން އާދިލް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ދަނޑުގެ ސަބް ބޭސް ހެދުމަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށެވެ. މިއީ ޒަމާނީ ފެންވަރަށް ޓާފް އަޅައިގެން ތަރައްގީކުރާ ފުޓްބޯޅަ ދަނޑެއް ކަމަށާއި، މި މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި މާބައިދޫއަކީ ފުޓްބޯޅައިގެ ރޮނގުން އަތޮޅުގެ ބްރޭންޑެކެވެ. އަދި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކަށް ރަށުގެ ޒުވާނުން އަބަދުވެސް އެދިއެދި ތިބިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާބައިދޫގެ ޒުވާނުންނަށް ދެއްވި ވަރަށް ބޮޑު ހަދިޔާއެއް ކަމަށެވެ.
މިފަދަ ޒަމާނީ ދަނޑެއް ގާއިމުވެގެން ދިއުމުން ފުޓްބޯޅައިގައި ގިނަ ކުޅުންތެރިންތަކެއް އުފެދި، ޒުވާނުން ހުސްވަގުތު ހެޔޮގޮތުގައި ހޭދަކުރުމުގެ ފުރުސަތު ފަހިވެ، އިޖުތިމާއީ ރޫހު އިތުރުވެގެންދާނެ ކަމަށް އާދިލް ވިދާޅުވިއެވެ. މީގެއިތުރުން، ފުޓްބޯޅަ ދަނޑު ނިމިގެންދާއިރު، ޒުވާނުން އެދޭ ފުޓްސަލް ދަނޑުވެސް ސަރުކާރުން ނިންމަވައިދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ، ކައުންސިލާއި ޒުވާނުންގެ ނަމުގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.




