މާވަށު މާރާމާރީ މައްސަލަ: މޫސާ އިބްރާހީމްގެ ގާތިލް މުހައްމަދު އިބްރާހީމް މަރަން ހުކުމްކޮށްފި

Maavashu maaraamaree mahssala: Moosa Ibrahimge qaathil Muhammadh Ibrahim maran hukum kohffi

ލ. މާވަށުގައި މޫސާ އިބްރާހީމް (29 އަހަރު) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި އޭނާގެ ގާތިލް މުހައްމަދު އިބްރާހީމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މޫސާ އިބްރާހީމް މަރުވެފައިވަނީ މާވަށު ވޮލީ ކޯޓް ކައިރީ ހުއްޓާ، ފަހަތުން އައިސް ނޭނގި އޭނާގެ ކަރަށް ވަޅިން ހަމަލާދިނުމުގެ ސަބަބުންނެވެ.

މި މައްސަލާގައި ދައުލަތުން މުހައްމަދު އިބްރާހިމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތަކަށް މުހައްމަދު އިބްރާހިމް އިއުތިރާފްވެ، ދައުލަތާއެކު އެއްބަސްވުމެއް ހަދައި ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައިވެއެވެ. ނަމަވެސް، ކޯޓުން ވާރިސުންގެ ބަސް ނެގުމަށް މޫސާ އިބްރާހިމްގެ މައިންބަފައިން ހާޒިރުކުރުމުން، ދެމީހުންވެސް ވަނީ ދަރިފުޅުގެ މަރަށް މަރު ބޭނުންވާ ކަމަށް ބުނެފައެވެ.

ކޯޓުގައި ވާހަކަ ދައްކަމުން މުހައްމަދު އިބްރާހިމް ބުނެފައިވަނީ، ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހުނީ 500 ރުފިޔާއާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ. އަދި ހަމަލާދިނީ ގަސްތުގައި މަރާލުމުގެ ބޭނުމުގައި ނޫން ކަމަށާއި، އެއީ ގަމީސް ފޮޅާލާފައި ދިއުމުގެ ތެރޭގައި އޮޅިގެން ވީކަމެއް ކަމަށް ބުނެ، އޭނާ ވަނީ ހަމަލާދިން ގޮތް ކޯޓުގައި ކުޅެ ދައްކާފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މިއީ އޮޅިގެން ހިނގި ކަމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެގޮތުން އޮޅުމަކުން ވީ ކަމެއްނަމަ އޭނާއަށް ފަރުވާ ދިނުމަށް އަވަސްވެގަންނާނެ ކަމަށާއި، ނަމަވެސް މުހައްމަދު އިބްރާހިމް މަސައްކަތް ކުރީ އެތަނުން ފިލައިގެން ގޮސް ވަޅި ފޮރުވަން ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މޫސާ އިބްރާހިމްގެ ކަނާތްފަރާތު ކަރުގެ ބުޑަށް 3.1 އިންޗީގެ ފުނަށް ތޫނު ވަޅިއަކުން ހަމަލާދީފައިވާތީ، އެއީ ގަސްތުގައި ދިން ހަމަލާއެއް ކަމަށް ބުރަވެވޭ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މުހައްމަދު އިބްރާހީމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާތީ، މަރުގެ ބަދަލުގައި މަރު ހިފުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments