ސަރުކާރުގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުގެ ބިން ނެގޭ އިސްލާހު ފާސްކޮށްފި

Sarukaaruge mashroouthha hingan counciltahkuge bin negey islaahu faaskohffi

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށު އަދި ސިޓީ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު މި ބިލު ފާސްކުރިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.

ވަކި ޕާޓީއަކަށް ނިސްބަތްނުވާ، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު މި މަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ ލާމަރުކަޒީ ކޮމިޓީން މުހިންމު އިސްލާހުތަކެއް ގެނައުމަށް ފަހުގައެވެ. އެގޮތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އިސްލާހާއެކު ބިލު ފާސްކުރީ، ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން ގާނޫނީ ހަމަތަކުގެ މަތިން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެކަށީގެންވާ ބަދަލެއް ދޭންޖެހޭ ގޮތަށެވެ.

ބިން ވަކިކުރުމުގެ އިޖުރާއަތްތައް

ފާސްކުރި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ތަރައްގީގެ މަޝްރޫއަކަށް ކައުންސިލެއްގެ ބިމެއް ނެގުމަށް ނިންމާނީ ވަޒީރުންގެ މަޖިލީހުންނެވެ. އަދި އެ ނިންމުން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ދައުލަތުގެ ބާރު ހިނގާ ތަނަކަށް ބަދަލުވެގެންދާނެއެވެ.

ނަމަވެސް ބިން ވަކިކުރުމުގެ ކުރިން ސަރުކާރުން ފުރިހަމަކުރަންޖެހޭ މުހިންމު އިޖުރާއަތްތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ވަކިކުރަން ބޭނުންވާ ބިމާއި ހިންގަން ގަސްތުކުރާ މަޝްރޫއުގެ މައުލޫމާތު އާންމުކުރުމާއި، މަޝްރޫއާ ގުޅޭގޮތުން ކައުންސިލްގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ހިޔާލާއި ޝަކުވާ ހުށަހެޅުމަށް މަދުވެގެން 14 ދުވަހުގެ މުއްދަތެއް ދިނުން ހިމެނެއެވެ. އަދި ލިބޭ ހިޔާލުތަކާއި ޝަކުވާތަކަށް ރިއާޔަތްކޮށް، މަޝްރޫއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްގެ މަޝްވަރާއެއް ނެތި ބިން ނެގޭ ގޮތަށް އޮތުމުން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، ބިލާ އެއްކޮޅަށާއި ދެކޮޅަށް މަޖިލީހަށް ޕެޓިޝަންތަކެއް ވެސް ހުށަހެޅިއެވެ. ނަމަވެސް، މަޖިލީހުން މި ބިލު މިއަދު ފާސްކޮށްފައިވަނީ ކައުންސިލްތަކާއި އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ އިސްލާހުތަކަކާ އެކުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments