މަސައްކަތް ނިންމާލައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ހިނގައްޖެ
Masahkaiyy ninmaalai rahyithunge majilis chuhteeah hingahjje

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު، މަޖިލީހުގެ މެންބަރުން މިއަދު ޗުއްޓީއަށް ވަޑައިގެންފިއެވެ.
ނިމިދިޔަ ދައުރުގައި މަޖިލީހުން ކުރިއަށް ގެންގޮސްފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޑޮލަރު މާރުކުރާ އުސޫލަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު ހިމެނެއެވެ. މީގެއިތުރުން ސަރުކާރުގެ މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތްވެސް މި ދައުރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވަނީ ދައުރު ދިގުދަންމާލުމާ އެކުވެސް މެންބަރުން ދެއްވި އެއްބާރުލެއްވުމަށްޓަކައި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. މަޖިލީހުގެ ދައުރު ހަމަވި ނަމަވެސް، މުހިންމު މަސައްކަތްތައް ނުނިމޭނަމަ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ދައުރުގެ މުއްދަތު އިތުރު ކުރެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަޔާންކުރާ ގޮތުގައި އަހަރެއްގެ ތެރޭގައި ތިން ދައުރު އޮވެއެވެ. އޭގެ ތެރެއިން ފުރަތަމަ ދައުރު ފެބްރުއަރީ 1 އިން އޭޕްރިލް 30 އަށް، ދެވަނަ ދައުރު މެއި 16 އިން އޮގަސްޓް 15 އަށް އަދި ތިންވަނަ ދައުރު އޮގަސްޓު 27 އިން ނޮވެމްބަރުގެ ނިޔަލަށް ހިނގާނެއެވެ. ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގައެވެ.




