މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއް: ހުކުރު ޚުޠުބާ
Mainbafainge heyo dua akee varah muhinmmu beynuntheri hathiyaareh: Hukuru Khuthuba

މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއް ކަމަށާއި މަންމައާއި ބައްޕަގެ ރުހުން ލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. “މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މަޢުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާގައި ވަނީ މުޖުތަމަޢުގައި ހުރި ގިނަ އިޞްލާޙީ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދި އެ ބައިމީހުންނަށް ނުކިޔަމަންތެރިވުމާއި، އެ މީހުން މުސްކުޅިވާ ދުވަހު އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުމެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ އެ ކަމުގެ މަތިވެރިކަމުން މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެއްކަން ބަޔާންކުރައްވައިފައިވެއެވެ.
“ކީރިތި ޤުރްއާނުގައި އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައިފައިވޭ. މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް. އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެއް. ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސް މެ،” ހުކުރު ޚުޠުބާ
މީގެއިތުރުން، މިސްކިތުގެ ޙުރުމަތް ކަނޑައިލުމުގެ ގޮތުން ނަމާދުން ފައިބައިގެން މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންގެ އަބުރާބެހުމާއި ދޮގުވާހަކަ ފެތުރުން ފަދަ ކަންކަން ކުރާތީ އެކަމަށް ޚުޠުބާގައި ވަނީ އިންޒާރު ދެއްވާފައެވެ. ޚުޠުބާގައި ސުވާލު އުފައްދަވަމުން ވިދާޅުވީ، “މީހުންނަށް، އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ފަހެ ކޮބައިހެއްޔެވެ؟ ނަމާދުކުރުމުން ލިބުނު މަތިވެރި ޘަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގައިލައި، އެނބުރި ގެއަށްދަނީއެވެ. މި ކަންކަމާ މެދު ވިސްނައިލާކަށް ނުވޭހެއްޔެވެ؟ މި ފަދަ ކަންކަންކުރާ މީހުން ޙައްޤުގެ މަގަށް އެނބުރި އަންނާށެވެ! ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާ އެކީ ގެއަށް އެނބުރި ދާމީހާގެ މާތްކަމުގެ ބޮޑުކަމާއެވެ!” މިފަދައިންނެވެ.
ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅޭގޮތުން ޚުޠުބާގައި ވިދާޅުވީ ވިޔަފާރީގައި ތެދުވެރިވުމަކީ އަޅުކަމެއް ކަމަށާއި މަކަރުހެދުމަކީ މާތް الله ލަޢުނަތް ލައްވާފައިވާ ބޮޑު ފާފައެއް ކަމަށެވެ. އަދި ޒަކާތް ނުދެއްކުމާއި، މަކަރާއި ޙީލަތް ހެދުމަކީ މުދަލުން ބަރަކާތް ކެނޑިގެންދާނެ ކަންކަން ކަމަށާއި، ޙައްޤު ގޮތުގައި މުދާ ހޭދަކޮށް އަމާނާތްތެރިވުމުން މާތް الله އޭގައި ބަރަކާތްލައްވައި ދަރިފަސްކޮޅަށް އެ މުދާ ވާރުތަކުރައްވާނެ ކަމަށް ވިދާޅުވެ، އެކަންކަމާ މެދު ފިކުރު ހިންގުމަށް ވަނީ ގޮވާލައްވާފައެވެ.
ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅުން ބިނާކުރުމުގެ ނުރައްކާތެރިކަން ފާހަގަކުރައްވަމުން ޚުޠުބާގައި ހަނދާންކޮށްދެއްވީ، “ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ގޮތުން ޙަރާމް އެއްޗެއް ކައިގެން، ނުވަތަ ޙަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން، ހެދިބޮޑުވާ ހަށިގަނޑަކީ، ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެއް،” ކަމަށެވެ. އެހެންކަމުން ޙަރާމް މުދަލުން އަނބިދަރިންނަށް ޚަރަދުކުރުމުން ނުކުންނަ ނަތީޖާއާ މެދު ޣާފިލުނުވުމަށް ވަނީ ނަޞޭޙަތްތެރިވެފައެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، އިޖުތިމާޢީ އަދި އަޚުލާޤީ ގޮތުން މުޖުތަމަޢުތައް ފަސާދަވަނީ ލިބިފައިވާ ނިޢުމަތްތަކަށް ޣާފިލުވެ، ބޮޑާވެގަތުމުން ކަމަށެވެ. އަދި ބިމެއްގައި މާތް الله ނުރުއްސަވާ ކަންތައްތަކާއި، މުންކަރާތްތަކާއި ފާޙިޝު ޢަމަލުތައް ޢާންމުވެއްޖެނަމަ އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެ ކަމުގެ އިންޒާރުވެސް މިއަދުގެ ޚުޠުބާގައި ވަނީ ދެއްވާފައެވެ.




