ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ 4 ވަނަ ބުރުގައި 82 ފަރާތަކުން ސަނަދު ހާސިލްކޮށްފި

Zuvaan khatheebunaai imaamun thmreen kurumuge 4 vana burugai 82 faraathakun sanadhu haasilkohffi

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ހަތަރުވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައި، ބައިވެރިންނަށް ސަނަދު އަރުވައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 82 ފަރާތަކުން މި ބުރުގައި ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ރަށްތަކުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދުމެވެ. މީގެ އިތުރުން، ކުރިއަށް އޮތް އިސްލާމީ ގަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކޮށް، ދީނީ ކަންކަމަށް ލޯބިކުރާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ.

ބޮޑު މަހާސިންތާއެއް ބޭއްވުމުގެ ތައްޔާރީތައް

އިސްލާމީ ވުޒާރާއިން ހާމަކުރި ގޮތުގައި، ޒުވާން ޚަޠީބުންނާއި އިމާމުން އަދި ޙާފިޒުންނަށް ހާއްސަކޮށްގެން ބޮޑު މަހާސިންތާއެއް ބޭއްވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. މި މަހާސިންތާ ބޭއްވުމަށް ރޭވިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ބަރަކާތްތެރި މުނާސަބަތާ ގުޅުވައިގެންނެވެ.

މި ތާރީހީ ބައްދަލުވުމުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، މައްކާގެ މަސްޖިދުލް ހަރަމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޔާސިރް އައްދައުސަރީއަށް މިހާރު ވަނީ ދައުވަތު އަރުވާފައެވެ.

ސަރުކާރުގެ އަމާޒާއި މިހާތަނަށް ހާސިލުކުރެވުނު ކާމިޔާބީ

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ 1،000 ޒުވާން ޚަޠީބުން ބިނާކުރުމާއި، 500 ޙާފިޒުން އުފެއްދުމެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން 600 އަށް ވުރެ ގިނަ ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާއިންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޙާފިޒުންގެ އަދަދު މިހާރު ވަނީ 310 އަށް އަރާފައެވެ. ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ކްލާސްތަކުގެ އަދަދު އިތުރުކުރުމާ ގުޅިގެން، މިހާރުވެސް 2،000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިފްޒުކުރަމުންދާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތްތަކުގެ ސަބަބުން މިސްކިތްތަކުގެ ދައުރު ފުޅާވެ، ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ދެކެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments