މިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން %2.2 އިތުރުވެއްޖެ

Mi mahu rajjeah ziyaaraikuri fathuruverin 2.2% ithuruvehjje

މިމަހުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 172،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.2 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް 172,487 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 168,698 ފަތުރުވެރިންނެވެ. މީގެއިތުރުން، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,996 ފަތުރުވެރިން އަންނަކަމަށް ވެސް ރެކޯޑުތަކުން ދައްކައެވެ.

މިމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް، މުޅި އަހަރުގެ ނިސްބަތަށް ބަލާއިރު އަދަދުތައް އަދިވެސް އުޅެނީ ދަށްކޮށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 1,427,104 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1,483,086 ފަތުރުވެރިންނާ އަޅާބަލާއިރު 3.8 އިންސައްތައިގެ ދަށްވުމެކެވެ.

މާކެޓްގެ އެންމެ ކުރީގައި ޗައިނާ އަދި ރަޝިއާ

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ 18.7 އިންސައްތައިގެ ހިއްސާއަކާއެކު ޗައިނާއިންނެވެ. އެއީ 262,120 ފަތުރުވެރިންނެވެ. ދެވަނައިގައި އުޅޭ ރަޝިއާއިން 205,187 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 108,909 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެއިތުރުން އިޓަލީވިލާތުން 91,798 އަދި ޖަރުމަނުވިލާތުން 85,984 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 1,028,660 ފަތުރުވެރިންނެވެ. ގެސްޓުހައުސްތަކުގައި 310,476 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު، ހޮޓާތަކުގައި 32,925 ފަތުރުވެރިން އަދި ސަފާރީތަކުގައި 25,972 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1,323 ތަނެއް ހުޅުވާފައިވާއިރު، މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 68,506 އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments