ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް އަންގައިފި

Councilthakah muvahzafun naganvaanee LGAge huhdha liyumun hoadhumah fahu kamah angaifi

ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް އެ އިދާރާއިން ކައުންސިލުތަކަށް އަންގަން ފަށައިފިއެވެ.

އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުވަން ފަށާފައިވާ ސިޓީގައި ބަޔާންކޮށްފައިވަނީ، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލުގެ އާމްދަނީން ހަރަދުވާ ގޮތަށް ވެސް މުވައްޒަފުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ދާއިމީ އަދި ވަގުތީ ވަޒީފާތަކަށް ވެސް ހުއްދަ ހޯދަންޖެހޭ

އެ ސިޓީގައިވާ ގޮތުން، ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކާއި ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތްތަކެއް ކުރުމަށް ’ކޮންޓްރެކްޓް އެމްޕްލޯއިމެންޓް‘ އަދި ’ވޭޖް އެމްޕްލޯއިމެންޓް‘ ވަޒީފާތަކަށް މީހުން ނަގަންވާނީ ވެސް އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުގައެވެ.

މީގެއިތުރުން، ވަގުތީ ބޭނުންތަކަށާއި ވަކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓަންސީ އާއި އެ ނޫން ވެސް އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާންކުރަން ވާނީ ވެސް އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށް ފަހު ކަމަށް އެލްޖީއޭ އިން ބުނެފައިވެއެވެ.

އެހެންކަމުން، އިއްޔެ އިން ފެށިގެން އެ ނޫން ގޮތަކަށް އެއްވެސް މުވައްޒަފަކު ކައުންސިލްގެ ވަޒީފާތަކަށް ނުނެގުމަށް އެލްޖީއޭއިން ވަނީ ކައުންސިލްތަކަށް އަންގާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted