މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އުފަންވި ކުދިންގެ ނިސްބަތް ދަށަށް

Mi aharuge furathama 6 massdhuvahi ufanvi kudhinge nisbaiy dhashah

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އުފަންވި ކުދިންގެ އަދަދު ދަށްވެފައިވާ ކަމަށް ސިއްޙީ ވުޒާރާއާއި ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާ ގުޅިގެން ނެރޭ ”ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް“ ރިޕޯޓުން ދައްކައިފިއެވެ.

ރާއްޖޭގައި ވިހާ އަދި މަރުވާ މީހުންގެ ތަފާސްހިސާބުތައް ކޮންމެ ތިން މަހަކުން އެއްފަހަރު އަދާހަމަކޮށް އާންމުކުރަމުންދާ މި ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އުފަންވެފައިވަނީ ޖުމްލަ 2,538 ކުދިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 2,806 ކުދިން އުފަންވެފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު އުފަންވި ކުދިންގެ އަދަދު ވަނީ 268 ކުދިން ނުވަތަ 9.5 އިންސައްތަ ދަށްވެފައެވެ.

ކުދިން އުފަންވެފައިވާ ޖިންސަށް ބަލާއިރު، މި މުއްދަތުގައި ގިނައިން އުފަންވަނީ ފިރިހެން ކުދިންނެވެ. އެގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ހަމަހު 1,407 ފިރިހެން ކުދިންނާއި 1,399 އަންހެން ކުދިން އުފަންވި ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި އުފަންވެފައިވަނީ 1,309 ފިރިހެން ކުދިންނާއި 1,229 އަންހެން ކުދިންނެވެ. މީގެއިތުރުން، އެންމެ ގިނަ ކުދިން ވިހާފައިވަނީ މާލެ ސަރަހައްދުގައެވެ. އުފަންވި ކުދިންގެ 70 އިންސައްތަ ކުދިން މާލެއަށް އުފަންވިއިރު، ބާކީ 30 އިންސައްތަ ކުދިން އުފަންވެފައިވަނީ އަތޮޅުތަކުގައެވެ. މި ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި އުފަންވި ގިނަ ކުދިންގެ މައިންގެ އުމުރަކީ 30 އަހަރާއި 34 އަހަރާ ދެމެދެވެ.

މަރުވި މީހުންގެ އަދަދު އިތުރުވުން

ނިޔާވި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ 6 މަހު 703 މީހުން ނިޔާވެފައިވީ ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި ނިޔާވި މީހުންގެ އަދަދު ވަނީ 813 އަށް އިތުރުވެފައެވެ. މީގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި މިއަހަރު ނިޔާވި މީހުންގެ ތެރޭގައި 89 ބިދޭސީން ހިމެނޭއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ނިޔާވެފައިވަނީ 72 ބިދޭސީންނެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް އަހަރުން އަހަރަށް ދަށްވަމުންދިއުމަކީ އިޤްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑު ކަންބޮޑުވުމެކެވެ. ރާއްޖޭގައި މިހާރު އޮތް ޒުވާން އާބާދީ ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ދުވަސްވީ އާބާދީއަކަށް ބަދަލުވެގެންދާއިރު، މަސައްކަތްކުރާނެ އާބާދީ މަދުވުމުގެ ނުރައްކާ އޮތް ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުސްތަޤުބަލަށާއި އިޤްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted