އިންޓަ-ޕާލިމެންޓަރީ ޔޫނިއަންގެ 153 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަޤުރީރުކުރައްވައިފި

Inter parliamentary unionge 153 vana assemblygai rahyithunge majileehuge raess thaqreer kurahvaifi

އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ  ތަޤުރީރުކުރައްވައިފިއެވެ.

މި އެސެމްބްލީ ކުރިއަށްދަނީ ޓެންޒޭނިއާގެ އަރުޝާގައެވެ.

”އެންހޭންސިންގ ގުޑް ގަވަރނަންސް އެންޑް އެމްޕަވަރިންގ ކޮމިއުނިޓީސް ތުރޫ އިންކްލޫސިވިޓީ، ޓްރަސްޓް އެންޑް އޮޕޮޗޫނިޓީސް ފޯރ އޯލް“ މި ޝިޢާރުގެ ދަށުން ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވަނީ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށްޓަކައި ރައްޔިތުންގެ މައްޗަށް ބިނާވެފައިވާ ވެރިކަމުގެ ނިޒާމަކާއި، ޖަވާބުދާރީވުމާއި، އެންމެންގެ ބައިވެރިވުން އަދި ރައްޔިތުންގެ އިތުބާރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ހެޔޮވެރިކަމަކީ ހަމައެކަނި ވަރުގަދަ މުއައްސަސާތަކެއް ޤާއިމުކުރުން ނޫން ކަމަށާއި، ރައްޔިތުންގެ އަޑު އެހުމާއި، ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އާންމު މުއައްސަސާތަކަކީ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ، ޒިންމާދާރު ތަންތަނަށް ހެދުން ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ޤާނޫނު ހެދުމުގެ އިތުރުން ރައްޔިތުންގެ އަޑު އެހުމާއި، ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރު ބެލުމާއި، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުން ކަށަވަރުކުރުމާއި، ނިންމުންތައް ނިންމުމުގައި މުޖުތަމަޢުގެ ފުރިހަމަ ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުމަކީ ޕާލިމެންޓުތަކުގެ މުހިންމު ދައުރެއް ކަމަށެވެ. މީގެއިތުރުން، އެންމެންގެ ބައިވެރިވުން ހިމެނޭ ވެރިކަމުގެ ނިޒާމެއްގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ރަށްތަކަށް ޚިދުމަތްތައް ފަސޭހައިން ލިބުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ”އީފާސް“ ފަދަ ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ޖޯގްރަފީ ގޮތުން ދިމާވާ ދަތިތަކަށް ހައްލު ލިބި، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނެސްދެވޭކަން ފާހަގަކުރައްވައި، ޑިޖިޓަލް ޚިދުމަތްތަކަކީ ދެފުށް ފެންނަ، ރައްކާތެރި އަދި އެންމެންނަށް ވާސިލުވެވޭ ނިޒާމަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ އިތުބާރު ހޯދުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިތުބާރު ބިނާވަނީ ދެފުށް ފެންނަ މިންވަރާއި، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަމާއި އަދި ނެރެދޭ ނަތީޖާގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނާއި، ޕެޓިޝަން ހުށަހެޅުމާއި، ޑިޖިޓަލް ޕްލެޓްފޯމުތަކުގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެންދާ ކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުގެ ދައުރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހެޔޮވެރިކަމަކީ ޞުލްޙަޔާއި އަމަންއަމާންކަމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، މެދުއިރުމަތީގައި، ޚާއްޞަކޮށް ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ئەފްރިކާގެ ބައެއް ސަރަޙައްދުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވައި، މަޝްވަރާ އިސްކުރުމަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމަށް ގޮވާލެއްވިއެވެ.

ތަޤުރީރު ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ހެޔޮވެރިކަމުގެ ހަޤީޤީ މިންގަނޑަކީ ހަމައެކަނި މުއައްސަސާތަކުގެ ވަރުގަދަކަން ނޫން ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް އެ މުއައްސަސާތަކުން ގެނެސްދޭ ހެޔޮ ބަދަލުތައް ކަމަށެވެ. އަދި ޕާލިމެންޓުތަކަކީ ރައްޔިތުންނަށް ހުޅުވާލެވިފައިވާ، އިޖާބަދޭ ތަންތަނަށް ހެދުމަށް ގޮވާލައްވައި، ހެޔޮވެރިކަމާއި ޑިމޮކްރަސީ ކުރިއެރުވުމަށް އައިޕީޔޫ މެދުވެރިކޮށް އެހެން ޤައުމުތަކުގެ ޕާލިމެންޓުތަކާއެކު މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted