ކުޑަކުދީންނަކީ އަގުހުރި އަމާނާތެއް، ރައްކާތެރިވުމަކީ ވާޖިބެއް: ހުކުރު ޚުޠުބާ
Kudakudheenakee aguhuri amaanaatheh, rahkaatheri vaajibeh: Hukuru Khuthubaa

ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެއް ކަމަށާއި ހުރިހާ ޙާލެއްގައި، އަދި ހުރިހާ ވަގުތެއްގައިމެ މި މަތިވެރި އަމާނާތަށް ރައްކައުތެރިވުން މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
”ކުޑަކުދީންގެ ޙައްޤުތައް“ މި މަޢުޟޫއަށް ޚާއްޞަކޮށްގެން ދިން މި ޚުޠުބާގައި ވަނީ ކުޑަކުދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކާއި އެކުދީންގެ ރައްކާތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި ކުޑަކުދީންނަށް ލިބިދޭންވާ ޙިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ ޢާއިލާއެއްގެ ތެރެއިންނާއި އެފަދަ ޢާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢަކުންނެވެ. އެގޮތުން ޢާއިލާއަކަށް ކުއްޖަކު އުފަންވުމުން ރިވެތި ނަމެއް ކިޔުމާއި، އަނިޔާވެރިކަމާއި ތަފާތުކުރުންތަކާއި ގަނާކުރުން ފަދަ އެންމެހައި ކަންކަމުން އެކުދީން ރައްކާތެރިކުރުމަކީ ކުދީންނަށް ލިބެންޖެހޭ ޙައްޤުތަކެކެވެ. މީގެއިތުރުން ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުޢާޙަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރީން، މާތް ﷲ އެކަލާނގެ ޝަރީޢަތުގައި ކުޑަކުދީންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާފައިވާކަންވެސް ހަނދާންކޮށްދެއްވިއެވެ.
ހިތާމަވެރި ހާދިސާތަކާއި މައިންބަފައިންގެ ޒިންމާ
ވޭތުވެދިޔަ ހަފުތާގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާތަކަށް އިޝާރާތްކުރައްވަމުން ޚުޠުބާގައި ވިދާޅުވީ، ”މި ވޭތުވެގެން މިދާ ހަފުތާގެތެރޭގައި އަހަރެމެންނަށް ލިބުނު ޚަބަރުތަކަކީ ހިތާމައިން ފުރިގެންވާ ހިތްދަތި ޚަބަރުތަކެއް، ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއްލިބުނު މަޢުސޫމު ކުއްޖަކަށް ފަރުވާކުރަމުންދަނިކޮށް ނިޔާވި ޚަބަރާއި، ޢިމާރާތެއްގެ މަތީން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ޚަބަރެއް. މި މައުސޫމު ކުދީންނަށް ހެޔޮ ދަރުމަ މިންވަރުކުރައްވައި އެ ކުދީންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ރަޙުމާނުވަންތަ މާތް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން،“ ކަމަށެވެ.
ކުދީން ތަރުބިޔަތުކުރުމުގައި ޢިލްމާއި އަޚުލާޤުގެ އިތުރުން ރޫޙާނިއްޔަތު މުހިންމުކަން ފާހަގަކުރައްވައި، ފަރުޟު ފަސް ނަމާދު ފަދަ ދީނީ ޝިޢާރުތަކަށް ދަރީން އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ވާޖިބެއް ކަމަށާއި، އަދަބުދޭންޖެހޭ ޙާލަތްތަކުގައި އަދަބުދީގެން ވެސް އެކަންކަން ކުރުވަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ”ކުޑަކުދީންނަކީ މާތް ރަސްކަލާނގެ ދެއްވި އަގުހުރި ހަދިޔާއެއް. އެކަލާނގެ ރިޢާޔަތުގެ ދަށުގައިވާ ޠާހިރު ނަފުސުތަކެއް،“ ކަމަށްވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ނަމަވެސް، މުޖުތަމަޢުގައި ކުޑަކުދީންނަށް އިހުމާލުވެ ލާއިންސާނީ އަނިޔާތައް ދޭ މީހުން އުޅޭކަމާއި، އޭގެ ތެރޭގައި އެކުދީންގެ މައިންބަފައިން ހިމެނޭކަމީ ހިތާމަހުރި ކަމެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި އެންމެހައި މަސްއޫލުވެރި ފަރާތްތަކަށް ހުކުރު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.




