އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެންބަންދުކޮށް ރާއްޖެ އެތެރެކުރުން މަނާކުރާ ބިލް ރައީސް ތަސްދީޤް ކުރައްވައިފި
1 liter aai eahvure kudhi plastic fulheegai fen bandhukoh rajje etherekurun manaakuraa bill raess thasdheeq kurahvaifi

އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެންބަންދުކޮށް ރާއްޖެ އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީޚު 2030 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަސްކުރައްވައިފިއެވެ.
އެމަނިކުފާނު މި ބަދަލު ގެންނެވީ މިއަދު ނެރުއްވި ޚާއްސަ ޤަރާރަކުންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް އިޞްލާޙު ގެންނަވާފައެވެ. މި އިސްލާހާއެކު، ތިމާވެއްޓަށް ގެއްލުންދޭ، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްގެ ތެރެއިން އެއް ލީޓަރާއި އެއަށްވުރެ ކުދި ފުޅިތަކުގައި ފެން ބަންދުކޮށްގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމުގެ އިތުރުން ރާއްޖޭގެ ބާޒާރުގައި އެފަދަ ތަކެތި ވިއްކުން މަނާކުރާ ތާރީޚު މިވަނީ ފަސްކުރެވިފައެވެ.
ކުރިން ކަނޑައަޅާފައި އޮތްގޮތުން އެއް ލީޓަރާއި އެއަށްވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅިތަކުގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާވާނީ އަންނަ އަހަރުގެ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ގެންނެވި އިސްލާހާއެކު މިބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖެ އެތެރެކުރުމާއި އުފެއްދުން މަނާވާނީ 1 ޖޫން 2030 އިން ފެށިގެންނެވެ.
ބައެއް އެހެން ބާވަތްތަކަށް ގެނައި ބަދަލު
މީގެ އިތުރުން، ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ވަނީ ބަދަލުކޮށްފައެވެ. އަދި 250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ފެން ފިޔަވައި އެހެނިހެން ތައްޔާރީ ބުއިންތައް މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅައި، އެ ލިސްޓު ވަނީ އިޞްލާޙުކުރައްވާފައެވެ.
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް ގެންނެވި މި އިސްލާހުތައް މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.




