މިދިޔަމަހު ފުލުހުންނަށް 1000އަށްވުރެ ގިނަ މައްސަލަ ހުށައެޅި
Midhiya mahu fuluhunah 1000 ahvure gina mahssala hushaelhi

ނިމިދިޔަ އޮގަސްޓު މަހު ދިވެހި ފުލުހުންގެ ޚިދުމަތަށް 1000 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކުށުގެ މައްސަލަތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު އޮގަސްޓު މަހު ޖުމްލަ 1091 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިދިޔަ މަހު ރިޕޯޓުކުރި މައްސަލަތަކުގެ 31.3 އިންސައްތައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ.
އޮގަސްޓު މަހު ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލު
އޮގަސްޓު މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- މަސްތުވާތަކެއްޗާ ގުޅޭ 341 މައްސަލަ
- ވައްކަމުގެ 257 މައްސަލަ
- ޓްރެފިކް އެކްސިޑެންޓްގެ 210 މައްސަލަ
- އެއްޗެތި ގެއްލިގެން ހުށަހެޅި 88 މައްސަލަ
- މުދަލަށް ގެއްލުން ދިނުމުގެ 65 މައްސަލަ
- މާރާމާރީގެ 42 މައްސަލަ
- ޖިންސީ ކުށުގެ 27 މައްސަލަ
- ގެވެށި އަނިޔާގެ 24 މައްސަލަ
- ޚިޔާނަތުގެ 17 މައްސަލަ
- ފޯޖް ކުރުމުގެ 11 މައްސަލަ
- ފޭރުމުގެ 9 މައްސަލަ
މިއަހަރުގެ މިހާތަނަށް 8500 އަށް ވުރެ ގިނަ މައްސަލަ
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 8566 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ނިސްބަތުން އެންމެ ގިނައީ ވައްކަމާއި ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2351 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ޓްރެފިކް އެކްސިޑެންޓްތަކާ ގުޅުންހުރި 2042 މައްސަލައާއި، މަސްތުވާތަކެތީގެ 1844 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
ރާއްޖެއަކީ ކުށްމަދު އަމާން ވެށްޓަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ ކުށްތަކުގެ ބާވަތްތަކަށް އާންމުން ހޭލުންތެރިކުރުމަށާއި، ޓްރެފިކް ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ތަފާތު ޕްރޮގްރާމްތަކާއި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.




