ކައްދޫ އެއާޕޯޓް ކުންފުންޏަށް ޖުމްލަ 325.1 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި
Kahdhoo Airport ah jumla 325.1 million rufiyaage gellunvefaivaakamah audit report in dhakkaifi

ކައްދޫ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ވޭތުވެދިޔަ އަހަރު ނިމުނުއިރު ސާފު ގެއްލުމުގެ ގޮތުގައި 29.5 މިލިއަން ރުފިޔާ ލިބި، ފަހަކަށް އައިސް އެ ކުންފުންޏަށް ލިބުނު ޖުމްލަ ގެއްލުން 325.1 މިލިއަން ރުފިޔާއަށް އަރައިފި ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ކައްދޫ އެއާޕޯޓް ކުންފުންޏަށް އާމްދަނީގެ ގޮތުގައި 11 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހަރަދުގެ ގޮތުގައި 38.7 މިލިއަން ރުފިޔާ ހިނގާފައިވެއެވެ. އަދި އެ ކުންފުނީގެ ޖުމްލަ އެސެޓް ނުވަތަ މުދަލުގެ އަގަކީ 56 މިލިއަން ރުފިޔާއެވެ.
ކުންފުންޏަށް ދިމާވެފައިވާ މާލީ ބޮޑެތި ގޮންޖެހުންތަކާ ގުޅިގެން، ކުންފުނީގެ ހުރިހާ އޮޕަރޭޝަންތަކާއި، މުދަލާއި ޒިންމާތައް (ލައިބިލިޓީސް) މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އަށް ބަދަލުކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މީގެ ސަބަބުން، ހިނގަމުންދާ ވިޔަފާރިއެއްގެ އުސޫލުން (ގޮއިންގް ކޮންސާން ބޭސިސް) މާލީ ބަޔާން ތައްޔާރުކުރުމުގެ އުސޫލު ދެން އެ ކުންފުންޏަށް ނުހިނގާނެ ކަމަށް މެނޭޖްމަންޓުން ވަނީ ނިންމާފައެވެ.
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޯޑުން ފާސްކުރި ގަރާރާ އެއްގޮތަށް ހުރިހާ އެސެޓްތަކާއި ޒިންމާތައް އާރުއޭސީއެލް އަށް ބަދަލުކުރާނީ 31 ޑިސެމްބަރު 2024 ގެ އަގުތަކުގައެވެ. އަދި އެ އެސެޓްތަކުގެ އަގު ހޯދުމާއި ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ވަޒަންކުރުމަށްފަހު، މާލީ ބަޔާންތަކުގައިވާ އަގުތަކަށް އިތުރު ބަދަލެއް ގެންނަން ނުޖެހޭ ކަމަށް މެނޭޖްމަންޓުން ވަނީ ނިންމާފައެވެ.
އެތެރޭގެ އުދުހުންތަކުގެ އިތުރުން އަސްކަރީ ބޭނުންތަކަށް ވެސް ބޭނުންކުރަމުން އަންނަ ކައްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މިހާރު ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި 2.8 ކިލޯމީޓަރުގެ ޒަމާނީ ރަންވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.




