ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

Customerunnah konmme mahaku 81 million rufiyya vihkaafaivey: BML

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 653 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. ބީއެމްއެލުން ވިދާޅުވީ މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 81 މިލިޔަނަށްވުރެ ގިނަ ޑޮލަރު ކަމަށެވެ. މި ފައިސާ ދޫކޮށްފައިވަނީ ކާޑު މުއާމަލާތްތަކާއި، އިމްޕޯޓް ޓީޓީގެ އިތުރުން ދަތުރުފަތުރާއި، ތަޢުލީމު އަދި ސިއްޙީ ފަރުވާގެ ޚަރަދުތަކަށެވެ.

އެންމެ ބޮޑު ހޭދައެއް ކާޑު މުއާމަލާތްތަކަށް

ވަކިވަކި ދާއިރާތަކަށް ބަލާއިރު، ވިއްކާފައިވާ ޑޮލަރުގެ އެންމެ ބޮޑު ހިއްސާއެއް ހޭދަކޮށްފައިވަނީ ކާޑު މުއާމަލާތްތަކަށެވެ. އެގޮތުން ކާޑު މުއާމަލާތްތަކަށް 304 މިލިޔަން ޑޮލަރު ފޯރުކޮށްދީފައިވެއެވެ. އޮންލައިން ވިޔަފާރިއާއި، ޑިޖިޓަލް ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމާއި، ދަތުރުފަތުރުގެ ބުކިންގ ހެދުމުގެ އިތުރުން ރާއްޖޭން ބޭރުގައި ކުރާ އެކި ޚަރަދުތަކަށް ގިނަ އަދަދެއްގެ ދިވެހިން ކާޑު ބޭނުންކުރަމުންދާ ކަމަށް ބޭންކުން ފާހަގަކުރެއެވެ.

މުދާ އެތެރެކުރުމަށް 214 މިލިޔަން ޑޮލަރުގެ ޓީޓީ

ދެވަނައަށް އެންމެ ބޮޑު އަދަދެއް ވިއްކާފައިވަނީ މުދާ އެތެރެކުރުމަށް ބޭނުންކުރާ ޓީޓީތަކަށެވެ. އެގޮތުން ޓީޓީތަކަށް 214 މިލިޔަން ޑޮލަރު ދޫކޮށްފައިވާއިރު، މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިޔަން ޑޮލަރެވެ. ރާއްޖެއަކީ ކާބޯތަކެއްޗާއި އަސާސީ މުދަލަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީ، ވިޔަފާރިތަކަށް މި ޑޮލަރު ދޫކުރުމުގެ ސީދާ ފައިދާ ރާއްޖޭގެ އެންމެހައި ގޭބިސީތަކަށް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.

ދަތުރުފަތުރާއި ތަޢުލީމު އަދި ސިއްޙީ ފަރުވާ

ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ވިއްކާ 500 ޑޮލަރުގެ ދާއިރާއަށް ބަލާއިރު، އަހަރުގެ މިހާތަނަށް ޖުމްލަ 75 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. މީގެއިތުރުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ތަޢުލީމީ ޚަރަދުތަކަށް 32 މިލިޔަން ޑޮލަރު އަދި ސިއްޙީ ފަރުވާއަށް 27 މިލިޔަން ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ.

ބީއެމްއެލުން ފާހަގަކުރި ގޮތުގައި، މި ހިސާބުތަކުގެ ފަހަތުގައިވަނީ ރައްޔިތުންގެ އަސާސީ އަދި މުހިންމު އެތައް ބޭނުންތަކެކެވެ. މީގެ ތެރޭގައި ޤައުމަށް ބޭނުންވާ މުދާ އެތެރެކުރުމާއި، ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭސްފަރުވާ ހޯދަމުންދާ އާއިލާތަކަށް ބޮޑު ލުޔެއް ހޯދައިދިނުން ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted