މިފްކޯގެ ދަށަށް އެގްރޯނެޓް ބަދަލުކުރަން ސަރުކާރުން ނިންމައިފި
MIFCOge dhashah AGRONET badhalukuran sarukaarun ninmaifi

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެގްރޯނެޓް ކުންފުނި ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރުމުން އިކޮނޮމިކް ސްކޭލް ހާސިލްވެ، ދެ ކުންފުނި ގުޅިގެން ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
”މި މަސައްކަތް ކުރުމަށް، ރާއްޖޭގައި އެގްރޯނެޓްގެ ވިޔަފާރިފުޅާކުރުމަށް ސަރުކާރުގެ ފުޑް ސެކިއުރިޓީ ޓާގެޓް ހާސިލްކުރުމަށް ކުރަން ހުރި ކަންކަން ވެސް. ދަނޑުވެރިކަމުގެ ސިނާއަތްފުޅާކުރުމަށް ހުރި ކަންކަމުގައި ވެސް. މަސްވެރިކަމާއި ދަނޑުވެރިކަމާއިއެކުގައި އެކުގައި ކުރެވޭނެ ކަންކަން ރޭވިގެން ދިއުމުން ވަރަށް ގިނަ ފައިދާތައްވާނެ. އެހެންވީމަ މިފްކޯގެ ސަބްސިޓަރީއެއްގެ ގޮތުގައި އެގްރޯނެޓް ބަދަލުކުރުމަށް ވަނީ ނިންމާފައި،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މާލޭގައި އެޅުމަށް ތައްޔާރުވަމުންދާ މަސްވެރިންނާއި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ހާއްސަ ޒަމާނީ މާރުކެޓް ނިމުމުން، އެތަން ހިންގުމާއި އޮޕަރޭޓްކުރުން ހަވާލުކުރާނީ މިފްކޯއާ ކަމަށެވެ. އެގޮތަށް ނިންމެވީ ސަރުކާރުން ހަރަދުކުރަން ނުޖެހޭ ގޮތަށް، ދެމެހެއްޓެނިވި އަދި އާންމު ވިޔަފާރިތަކަށާއި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތެއްގައި އެތަން ބެލެހެއްޓުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ މިކްސް މާކެޓް އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.




