60،000ރ. އަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ފުލް ކަވަރޭޖް ދިނުން ހުއްޓާލަނީ

60,000rf ah vure mathin aamdhanee libey meehunah aasandha full covergae dhinun huhtaalanee

އާމްދަނީގެ ގޮތުގައި މަހަކު 60،000 ރުފިޔާއަށް ވުރެ ގިނައިން ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ދިނުން ހުއްޓާލަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުން ދޭ ހިދުމަތްތައް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޓާގެޓް ކުރެވިގެން ބަދަލުކުރުމަކީ ހަރަދު ކުޑަކުރުމުގެ ނިޒާމުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިހާރު އޮންނަ އުސޫލުން އެންމެ މުއްސަނދި މީހާއާއި އެންމެ ނިކަމެތި މީހާއަށް ވެސް އެއްވެސް ތަފާތެއް ނެތި ފުލް ކަވަރޭޖް ދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ނަމަވެސް އެއީ އެންމެ ރަނގަޅު ކަމަކަށް ބޭރުގެ ފަރާތްތައްވެސް ގަބޫލެއް ނުކުރޭ، އަދި ފަންނީ އެއްވެސް ފަރާތަކުންވެސް ގަބޫލެއް ނުކުރޭ، އަދި އަޅުގަނޑުމެންވެސް ގަބޫލެއް ނުކުރަން، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި 60،000ރ. އަށް ވުރެ މައްޗަށް މުސާރަ ލިބޭ ފަރާތްތަކަށް މިހާރު މި އޮންނަ ގޮތަށް، ފުލް ކަވަރޭޖް އާސަންދަ ނުލިބޭނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިފަދަ ފަރާތްތަކަށް ދެން އާސަންދައިގެ ހިދުމަތް ލިބޭނީ ކޯ ޕޭ ނުވަތަ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިން ކަމަށެވެ. މީގެ ސަބަބުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވި، އެ ފައިސާ ރައްޔިތުންގެ އެހެނިހެން ކަންކަމަށް ހަރަދު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އިންކަމް ޓެކްސް ދައްކާ ފަރާތްތަކަށް ނުވަތަ މުއްސަނދިންނަށް އާންމުންނަށް ލިބޭ ގޮތަށް ހުރިހާ ކަމެއް ހިލޭ ލިބެން ނުޖެހޭނެ ކަމަށާއި، މި ބަދަލު އަންނަ މަހުން ފެށިގެން ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted